ކާބުލް (ފެބްރުއަރީ 7) : އަފްޣާނިސްތާނުގެ އިދިކޮޅު ފަރާތްތަކުން ތާލިބާން ޖަމާއަތާއެކު މޮސްކޯގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ދެކޮޅު ހައްދަވައިފިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޣާނީ ވިދާޅުވީ އަފްޣާން ސަރުކާރާ ނުލައި އަފްޣާނިސްތާނަށް ސުލްޙަ ނުގެނެވޭނެ ކަމަށާ ސަރުކާރު އެއްފަރާތް ކުރުމަށްފަހު އިދިކޮޅު ފަރާތްތަކާއި ތާލިބާނުން ދެއްކި ސުލްޙައިގެ ވާހަކަތަކަކީ އަފްޣާނިސްތާނުގެ ސުލްހައަށް ލިބުނު ކުރިއެރުމެއް ނޫންކަމުގައެވެ.

އަފްޣާން ސުލްޙައިގެ ވާހަކަތައް މޮސްކޯގައި ކުރިޔަށްދިޔައީ ރަޝިޔާގެ ބެލުމުގެ ދަށުންނެވެ. އެވާހަކަތައް ވަރަށް އީޖާބީ ކަމަށް އެވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވި އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއި ވިދާޅުވިއެވެ. ކަރުޒާއި އަކީ އަފްޣާން އިދިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. މޮސްކޯގެ ވާހަކަތަކަށް އަފްޣާން ސަރުކާރަށް ދައުވަތު ނުދިނީ ތާލިބާނުން ގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

ދާދިފަހުން އެމެރިކާއާއި ތާލިބާނުންވެސްވަނީ ގަތަރުގެ ދަވްޙާގައި ސުލްހައިގެ ވާހަކަތަކެއް ކުރިޔަށް ގެންގޮސްފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ދެބައިކުޅަ އެއްބައި މީހުން އަންނަ އެޕްރީލް މަސް ނިމުމުގެ ކުރިން އަނބުރައި ގައުމަށް ގެންދިޔުމަށާ އަދި ބާކީތިބި ސިފައިން އަށާރަ މަސް ތެރޭގައި އަނބުރައި ގައުމަށް ގެންދިޔުމަށް އެވާހަކަތަކުގައި އެމެރިކާ ވައުދުވެފައިޥާ ކަމަށް ތާލިބާނުން ބުނެފައިވެއެވެ.

ގަތަރުގައި ބޭއްވި އަފްޣާން ސުލްޙައާބެހޭ ޑްރާފްޓެއް އެކުވަލާލެވުނު ކަމަށް ތާލިބާނުން ބުނެއެވެ. އެޑްރާޓްގައި ދެފަރާތުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ދޭ ހަމަލާތައް ހުއްޓާލުމާއި ތާލިބާނުން އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ފެށުމާއި އަސީރުން މިނިވަން ކުރުން ހިމެނެއެވެ.

މީގެއިތުރުން އައި އެސް ޖަމާއަތާއި އަލްގާއިދާފަދަ ބައިނަލްއަގްވާމީ ޓެރަރިސްޓް އެއްވެސް ޖަމާއަތެއް އަފްޣާނިސްތާނަށް އަތްގަދަ ކުރުމުގެ ފުރްސަތު ނުދިނުމަށާ އަފްޣާނިސްތާނަކީ އަވަށްޓެރި ގައުމުތަކާ އަދި ސަރަހައްދުގެ ގައުމުތަކުގެ އަމަން އަމާންކަމަށް އޮތް ނުރައްކަލަކަށް ނުވާނެކަމުގެ ޔަގީންކަންވެސް އެ ވާހަކަތަކުގައި ތާލިބާނުން ދިންކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަފްޣާން ސަރުކާރާއެކު ސީދާ ގޮތެއްގައި ސުލަހައިގެ ވާހަކަތައް ފެށުމަށް ތާލިބާނުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ތާލިބާނުން އެކަމާ ދެކޮޅު ހަދަނީ ބާރުގެ ބޭނުންކޮށްގެން އަފްޣާން ސަރުކާރު ވައްޓާލައި އަފްޣާން ވެރިކަމަށް އަތްގަދަ ކުރުމުގެ ބޭނުމުގައި ކަމަށް އަފްޣާން ސަރުކާރުން ބުނެއެވެ. ތާލިބާނުން ބުނަނީ އަފްޣާން ސަރުކާރާ ވާހަކަ ނުދައްކަނީ އެއީ އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރަކަށް ވާތީ ކަމުގައެވެ. ނަމަވެސް އެމެރިކާ ގަދަބާރުން އަފްޣާނިސްތާނަށް އަރައިއޮންނައިރު އަދި އެމެރިކާއިން ތާލިބާނުންނަކީ ޓެރަރިސްޓުން ކަމަށް ބުނަމުން ގެންދަނިކޮށް ތާލިބާނުން އެމެރިކާއާ ވާހަކަ ދައްކާއިރު އަފްޣާން ސަރުކާރާ ވާހަކަ ދެއްކުމަށް ދެކޮޅު ހެދުމަކީ ހުއްޖަތެއް އޮތްކަމެއް ނޫންކަމަށް އަފްޣާން ސަރުކާރުން ބުނެއެވެ.

ތާލިބާނުން އަފްޣާން ސަރުކާރާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދަނީ ބާރުގެ ބޭނުންކޮށްގެން އެ ސަރުކާރު ވައްޓާލައި އަފްޣާން ވެރިކަމަށް އަތްގަދަ ކުރުމުގެ ފުރްސަތު ތާލިބާނުންނަށް ގެއްލޭނެތީ ކަމަށްވެސް އަފްޣާން މަސްއޫލުވެރިން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)