ދިއްލީ (ފެބްރުއަރީ 7): މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން ޕްރިޔަންކާ ގާނދީގެ ފިރިކަލުން އަދި ވިޔަފާރިވެރިޔާ ރޮބަޓް ވާޑްރާއާ ސުވާލުކޮށްފި އެވެ.

އިންޑިއާގެ ވިޔަފާރިއާ ގުޅުން ހުރި މައްސަލަތައް ބަލާ އެންފޯސްމެންޓް ޑިރެކްޓޮރޭޓް (އީޑީ)އަށް ވާޑްރާ ވަޑައިގެންނެވީ ޕްރިންޔަންކާ ގާންދީއާ އެއްކޮށެވެ. ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސް ސޯނިއާ ގާންދީގެ ދަރިކަނބަލުން އަދި މިހާރުގެ ރައީސް ރާހުލް ގާންދީގެ ކޮއްކޯފުޅު ކަމަށްވާ ޕްރިޔަންކާ ގާންދީ ވަނީ ވާޑްރާ ދިފާއު ކުރައްވާފަ އެވެ. އަދި އެކަމަނާ "ހުންނަވާނީ އާއިލާއާ އެއްކޮށް" ކަމަށް ވިދާޅުވެފަ އެވެ.

ވާޑްރާއާ ސުވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން ހުންނަ ގެޔެއް 1.9 މިލިއަން ޕައުންޑަށް ބައްލަވައިގެންނެވުމުގައި މަނީ ލޯންޑަރިންގެ މައްސަލައެއް އުޅޭ ކަމަށް އީޑީން ތުހުމަތު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ވާޑްރާ ވަނީ އޭނާ ލަންޑަނުން އެއްވެސް ގެޔެއް ބައްލަވައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެމައްސަލައިގައި އިއްޔެ ވާޑްރާއާ ހަ ގަޑި އިރުވަންދެން ސުވާލު ކުރުމަށް ފަހު މިއަދުވެސް އެނާއާ ސުވާލު ކުރަން ވަނީ ހަމަޖެހިފަ އެވެ. ވާޑްރާ ވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އީޑީން ވާޑްރާއާ ސުވާލު ކުރީ، އުއްތަރަ ޕްރަދޭޝްގެ އިރުމަތީ ސަރަހައްދުގައި ހުންނަވާ ކޮންގްރެސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ޕްރިޔަންކާ ގާންދީ ހަވާލުވެވަޑައިގަތްތާ އެއް ދުވަސް ފަހުންނެވެ. އެހެންކަމުން އިދިކޮޅު ޕާޓީތަކުން ވަނީ އެއީ އެޕާޓީތައް އެއްބައިވުން ހުއްޓުވުމަށްޓަކައި ވެރިކަން ކުރާ ބީޖޭޕީން އީޑީއަށް ނުފޫޒު ފޯރުވައިގެން ބަލާ މައްސަލައެއް ކަމަށް ބުނެފަ އެވެ.