ކޮލަމްބޯ (އޮކްޓޫބަރު 9) : ސްރީލަންކާގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން ތިން މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެވެ. މި ހަމަނުޖެހުންތައް އިއްޔެ ހިނގާފައިވަނީ ވެރިކަންކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް ޕާޓީގެ ދެ ފެކްޝަނެއްގެ ސަޕޯޓަރުންގެ މެދުގައެވެ.

މި ދެފެކްޝަނުގެ މެދުގައި ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައި ރައީސް ރާޖަޕަކްސެގެ މުސްތަޝާރަކާއި އޭނާގެ ހަށިފާރަވެރިއެއްގެ އިތުރުން އެހެނަކުވެސް މަރުވިއެވެ. އަދި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބާރުގަދަ ސިޔާސީ ބޭފުޅެއް ކަމަށްވާ ޑުމިންޑާ ސިލްވާ ވަރަށް ބޮޑަށް ޒަޚަމްވިއެވެ. އޭނާއަކީ ރާޖަޕަކްސެގެ ކޮށްކޯފުޅު ސްރީލަންކާގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސެގެ ދަށުންވެސް ބައެއް މަސައްކަތްތައް ކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން ވާދަވެރި ދެފެކްޝަނަށް ސަޕޯޓްކުރާ އެތަށްބަޔަކަށް ބަޑީގެ އުންޑަތަކުން އެކިވަރުގެ ޒަޚަމްތައް ލިބުނު ކަމަށްވެސް ޚަބަރުލިބެއެވެ.

ސްރީލަންކާގެ 23 ސަރަޙައްދެއްގައި އިއްޔެ ބޭއްވި ލޯކަލް އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބުކުރީ ރައީސް މަހިންދަ ރާޖަޕަކްސަގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އެވެ. 23 ސަރަޙައްދުގެ ކައުންސިލްގެ ތެރެއިން 22 ކައުންސިލް، ރާޖަޕަކްސަގެ ޕާޓީ ކާމިޔާބު ކުރިއިރު ކޮލަންބޯ ސަރަޙައްދުގެ ކައުންސިލް ކާމިޔާބުކުރީ އިދިކޮޅު ޕާޓީއެވެ.

ސްރީލަންކާގެ ސަރުކާރުގެ އެންމެ ބާރުގަދަ މަޤާމްތަކުގެ ތެރެއިން 5 މަޤާމެއްވަނީ ރައީސް ރާޖަޕަކްސެގެ 4 ކޮށްކޮއިންނާއި އޭނާގެ ފިރިހެން ދަރިފުޅުގެ ބާރުގެ ދަށުގައެވެ. – ބީބީސީ