07 Feb 2019, 11:50
ބޭރުގެ ތިން ގައުމެއްގައި ދިވެހި އެމްބަސީއާއި އިތުރު ގައުމެއްގައި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން އއިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ތިން ގައުމެއްގައި ދިވެހި އެމްބަސީ ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެކުނު އެފްރިކާއާއި، އެމެރިކާގެ ވޮޝިންގްޓަން އަދި ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކޮންސިއުލޭޓެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މިހާތަނަށް ދިވެހި އެމްބަސީތައް ގާއިމުވެފައިވަނީ އަށް ގައުމެއްގައި އެވެ. އެއީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް، ޗައިނާ، ޖަޕާން، ޗައިނާ، ޔޫއޭއީ، އިނގިރޭސިވިލާތް އަދި ޖަރުމަނުގައެވެ. އަދި އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ދިވެހި ކޮންސިއުލޭޓެއް ހުރެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ބޭރުގައި ދިރިއުޅޭ ދިވެހީންނަށާއި ކިޔަވާ ކުދިންނަށް ކޮންސިއުލާ ހިދުމަތްތައް މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
ވިލާތު ގައުމުތަކުގެ ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަނީ،
ރައީސް ސޯލިހު ވިދާޅުވީ، ވިލާތުގެ ގައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ.
ދިވެހީން ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރުމަށްޓަކައި ވިސާ ހޯދުމަށްޓަކައި މިހާރު ދާންޖެހެނީ އަވަށްޓެރި ސްރީލަންކާއަށެވެ. އަދި ބައެއް ފަހަރު ޝެންގެން ވިސާ ޖަހައިދޭ ޓެމްޕޮރަރީ ކްލިނިކުތައް ރާއްޖޭގައި ގާއިމުކުރެއެވެ.
Temporary Biometric Clinic for Germany-Schengen Visa opened in Male today. Working to have a permanent centre in Male’ soon.pic.twitter.com/C37pgk9YT5
— Abdulla Shahid ???? (@abdulla_shahid)January 27, 2019
މި ފަހުން ރާއްޖޭގައި ޖަރުމަނުގެ ޝެންގެން ވިސާ ޖަހައިދިނުމުގެ ވަގުތީ ކްލިނިކެއް ގާއިމުކުރި އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޝެންގެން ވިސާއަށް ބޭނުންވާ ބަޔޯމެޓްރިކްސް ނަގާ ދާއިމީ ކްލިނިކެއް ރާއްޖޭގައި ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށެވެ.
ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ފެށުނު އިރު، ރާއްޖެ އޮތީ ވަރަށް ބޮޑަށް ބޭރުގެ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރި، ބާކީކުރެވިފައި ކަމަށެވެ.
"ނަމަވެސް، އަޅުގަނޑު މި މަގާމާ ހަވާލުވުމަށްފަހު، ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު، ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަގުވާމީ ޢާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.