07 Feb 2019, 11:21
މިމަސް ނިމުމުގެ ކުރިން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑީގްރީއަށް ހިލޭ ކިޔެވޭނެ ގޮތް ހަަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިއަހަރު ތައުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަަމަށާއި އަދި މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑް ބަޖެޓެެއް ކަމަށެވެ.
" މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމު ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީނު ދޭނެ. އެއާއެކު ވަޒީފާގެ ފުރުޞަތުވެސް ހޯދައިދޭނެ. ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު މިހާރު 25 އިންސައްތަ އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ ޢަދަދުން ގާތްގަނޑަކަށް 4000.00 ރުފިޔާ އުނިވެގެން ދާނެ ކަމަށެވެ.
"މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް، މި ދެންނެވި އިންޓްރެސްޓް ކުޑަ ލޯން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ލޯން ސްކީމްގެ އިތުރު ފުރުޞަތުތަކަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށާއި އަދި އެ ލޯން ސްކީމްގައި ސާރކް ގައުމުތަކުގެ އިތުރުން، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއިން ކިޔެވޭނެގޮތް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.