07 Feb 2019, 11:06
ދަނޑުވެރީންނާއި މަސްވެރީންނަށް ލޯނާއި ކްރެޑިޓް ސްކީމްގެ ފުރުސަތު ތަނަވަސްކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސަަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން، މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ވުޒާރާތަކުން މިހާރު ފަށައިފައިވާ ކަމަށެވެ.
އަދި މަސްވެރި ޢާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލާފައި. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތެއްގެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީވެސް މިހާރު ކަނޑާލައިފައިވާކަން ރައީސްގެ ވާހަކައިގައި ވަނީ ފާހަނގަކޮށްފައެވެ.
"މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. މިގޮތުން މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް" ރައީސް ސޯލިހް ވިދާޅުވިއެެ.
ރައީސް އިތުރަށް ވިދާޅުވީ، މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މި އަހަރު އިތުރުކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.