07 Feb 2019, 11:03
ޓެކްސްގެ ނިޒާމް މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްވުމުން އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލުހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި ވަނީ، ޓެކްސް ނިޒާމު ތަޢާރުފްކުރުމުން ކަމަށާއި ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ގަސްތުކުރަނީ އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
އެ ބިލް ފާސްވެ އިންކަމް ޓެކްސް ނަގަން ފެށުމުން ދިވެހިން އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެން ފަށާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
"ޤައުމީ ތަރައްޤީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި،
އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން، ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.
މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޓެކުހުގެ ނިޒާމު ފުރިހަމަކޮށް، އިންކަމް ޓެކްސް ނަގާނެ ކަމަށް ރިޔާސީ ކެމްޕެއިން ދުވަސްވަރި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.