07 Feb 2019, 11:02
މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ބޭނުންވާތީ މާލޭގައި ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނަހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަމެއް ކަމަށެވެ.
"މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް، ހިތްފަސޭހަ އަމާން މާޙައުލަކަށް ހެދުމަށް، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި" ރައީސް ވިދާޅުވީ މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އަމާންކަމާއެކީ އުޅެވޭ ފަދަ ޖަޒީރާ މާޙައުލަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އަށް ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިމާރަތް ކުރިން ހުރި ތަނުގައި އަޅަން ނިންމި އިމާރަތްވެސް ހުޅުމާލޭގައި އަޅަން ވަނީ ނިންމައިފައެވެ.
މާލެއަކީ ހިނގާ ބިނގާވާ މީހުންނަށްވެސް އަމާންތަނަކަށް ހެދުމުގެގޮތުން މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށައި ތިމާވެއްޓާ ރަހުމަތްތެރި ބަސް ބޭނުންކޮށްގެން އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ އިއްޔެ އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަހުގެ ތެރޭގައި މާލެއަށް މިނީ ބަހުގެ ހިދުމަތް ދޭން ފަށަންޖެހޭނެއެވެ.
މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފުކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.