07 Feb 2019, 10:52
ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް، އަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، "ހައުސިންގް ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށް، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރު ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތައް ބީލަމަށް ލުމުގެ މަސައްކަތަށް މިހާރު ތައްޔާރުވަމުން އަންނަކަންވެސް ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ. އެގޮތުން އެކިރަށްރަށުގައި އަޅާ 550 ހައުސިން ޔުނިޓުގެ މަސައްކަތް ބީލަމަށް ލުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި،"
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް ކަމަށެވެ.
އޭގެ އިތުރުން ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫއުގެ މައްސަލަ ވެސް، މި ސަރުކާރުން ޙައްލުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވައިފައެވެ.
ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނަކާއި އެއްމެދު އިމާރާތްތަކާ ބެހޭ އުސޫލުތައް ކަނޑައަޅައިދޭ ގާނޫނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، ނޭޝަނަލް ހައުސިންގ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރާނީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.