07 Feb 2019, 10:49
ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުވެގެން ނޫނީ ރާއްޖޭގެ އެއްވެސް ކަމަކަށް ހަަމަޖެހުމެއް ނާންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި، ޝަރުއީ ދާއިރާ އިސްލާލާހް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމެއް ކަމަށެވެ.
"ޝަރުއީ ދާއިރާ އިސްލާހް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގައި، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން ނެތް އެންމެ ގުނަވަނެއްވެސް ދައުލަތުގައި ނެތް ކަމަށެވެ. އަދި
"ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ގަވައިދުތައް ނެތީއެއް ނޫން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ، ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން ކަމަށެވެ.