09 Oct 2011, 13:21
ޓްރެވިންޑްރަމުން ރާއްޖެ އައި އިންޑިއާ އަންހެނެއްގެ އަތުން އެއްވކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ.
ޗީފް ކަސްޓަމްސް އޮފިސާ ހުސެއިން ޝާޒް މިއަދު ވިދާޅުވީ ޓޫރިސްޓު ވިސާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި ލަތާކުމާރީ ގޮވިންދަން 46، ގެ ފޮށިތަންމަތި ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފޮރުވާފައި ހުރީ އޭނާ ގެނައި ފޮށީގައި ޑަބަލް ފޫ އަޅައިގެން ކަމަށެވެ. ލަތާ ގެނައި މަސްތުވާތަކެތި ރައްކާފައި ހުރީ ޕޮލިތީން ކޮތަޅެއްގެ ތެރޭގައި ކަމަށެވެ.
ޝާޒް ވިދާޅުވީ ލަތާ މާލެ ގެނައި މަސްތުވާ އެއްޗެހީގެ ބަރުދަނުގައި ޕެކިނާއެކު 1.056 ކިލޯ ހުރި ކަމަށެވެ. އޭނާ ގެނައި ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ލަތާ މާލެ އައިސްފައި ވަނީ އިންޝިއުރެންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ޓޫރިސްޓު ވިސާގަ އެވެ. މީގެ ކުރިން ވެސް އޭނާ ރާއްޖެ އައިސްފައިވާ ކަމަށާއި އެފަހަރު އައީ މިދިއަ ރޯދަމަހު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ލަތާގެ ހާދިސާއަށް ފަހު ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރު 1416 އާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުތެރޭ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން އެތެރެ ކުރަން އުޅުނު ބަންގުލަދޭޝްގެ ދެ މީހަކު ވެސް ކަސްޓަމްސް އިން ވަނީ ހައްޔަރު ކޮށްފަ އެވެ.
---
ޓްރެވިންޑްރަމުން ރާއްޖެއައި އިންޑިއާ އަންހެނެއްގެ އަތުން އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ. ޓޫރިސްޓު ވިސާގައި ރާއްޖެއައި މިއަންހެން މީހާ މިއީ ރާއްޖެއައި ދެވަނަ ފަހަރެވެ. (ތަފުސީލު އަންނަނީ)