މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީ މައްސަލައިގެ ގިނަ އަަދަދެއްގެ ލިޔެކިޔުންތައް މިހާރު ހޯދިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެއެމްޕީއާރުސީގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް ސޯލިހު ވަނީ އެކުލަވާލާފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭން ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާ އެކު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފެށިގެން ކުރިއަށް ދާ ކަމަށެވެ.

" ހިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޒިންމާވާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮރަޕްޝަަނަށް ޒީރޯ ޓޮލަރެންސް

އެމްއެމްޕީއާރުސީ އޮފީސް:-- ސަން ފައިލް ފޮޓޯ

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ގައުމުގެ ވެރިކަމާއި ހަވާލުވިއިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް ދައުލަތުގައި ނެތް ކަމަށެވެ.

" ފަސާދައާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ހާލަތަށް ގައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާއިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައްވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ މޫތަށް ރާއްޖޭގައި ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެ ކުރި މަތީގައި މުއައްސަސާތަކުން ކުޑަކަކޫ ޖެހުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ދައުލަތުގެ މުދަލާއި ފައިސާ ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުން ކުރި އިރު އެކަމާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުން އެމަނިކުފާނު މަގާމަށް އިސްކުރީ ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި ކަން ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ގާނުނުލްއުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

" ސަރުކާރުން މި ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަގީންކޮށް އަރުވަން.." ރައީސް ސޯލިހު ވިދާޅުވި އެވެ.