ބްރެޒީލިއާ (ފެބްރުއަރީ 7): ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ އިތުރު 12 އަހަރާއި 11 މަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ލޫލާގެ މައްޗަށް އެހުކުމް ކުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަައްވަމުން ގެންދަވަނިކޮށެވެ. މިދިޔަ އަހަރު ލޫލާގެ މައްޗަށް އެހުކުމް ކުރީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އިން ރިޝްވަތުގެ ގޮތުގައި ދިން އެޕާޓްމެންޓެއް ގަބޫލުކުރެއްވި ކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.

އަދި އިއްޔެ ކޯޓުގައި ވަނީ ލޫލާ ރިޝްވަތު ނެންގެވި ކަމަށް އަނެއްކާވެސް ސާބިތުވެފަ އެވެ. އެމައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ލޫލާ އާއްމުކޮށް ޒިޔާރަތް ކުރެއްވި ގެޔެއް އާރާސްތުކޮށްފައި ވަނީ އޯއޭއެސްއިން ކަމަށާއި އެއީ ރިޝްވަތެއް ކަމަށް ނިންމާފަ އެވެ.

އަދި އެއީ ލޫލާގެ ގެޔެއް ނޫން ކަމަށް އޭނާގެ ވަކީލުން ވިދާޅުވި ނަމަވެސް، ކޯޓުން ވަނީ އެގޭގެ ވެރި ފަރާތަށް ވުރެ ގިނައިން ލޫލާ އެގެޔަށް ވަޑައިގެންނެވި ކަމަށް ބުނެފަ އެވެ.

ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވައި، މިދިޔަ އަހަރު އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފައެވެ. އަދި އިއްޔެ ކުރި ހުކުމްވެސް އިސްތިއުނާފު ކުރައްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ލޫލާ ބްރެޒިލްގެ ރައީސްކަން ކުރެއްވީ 2003 އިން 2011 އަށެވެ.