Last Updated: 7 year 10 month ago
Last Updated:
7 year 10 month ago
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން
10:52
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން އިއްވަވާ ނިންމާލައްވައިފި.
"އެ ގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި." - ރައީސް
"ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، ނޭޝަނަލް ހައުސިންގ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްތުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން." - ރައީސް
"މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4،000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ" - ރައީސް
"މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ" - ރައީސް
"ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ، މިއަހަރުގެ ތެރޭގައި އެކުލަވާލެވޭ ގްރީން ފަންޑަށް ހާއްސަކޮށް، އެ ފައިސާ ހަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް" - ރައީސް
"މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ ގުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން ކުރާނެ." - ރައީސް
"މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ހިދުމަތްތައް ގާއިމުކުރެވިގެންދާނެ" - ރައީސް
"ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ގާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ގާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ." - ރައީސް
"ތެލަސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ ސީރަމް ފްރިޓީން ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ." - ރައީސް ސޯލިހު
"ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން ޕަސަންޓަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު މިހާރުވާނީ 25 ޕަސަންޓު އިތުރުކޮށްދީފައި. މި ބަދަލު އައުމުން، އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ އަދަދުން ގާތްގަނޑަކަށް 4،000 ރުފިޔާ އުނިވެގެންދާނެ." - ރައީސް
"ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ." - ރައީސް
"ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ގަސްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް މި އަހަރުގެ ތެރޭގައި މި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެން ފަށާނެ." - ރައީސް
"ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި އަންނަނީ މަޝްވަރާ ކުރަމުން." - ރައީސް
"އައްޑޫގައި ހުންނަ މިފްކޯގެ މަސް ކާރުހާނާ ފުރިހަމަކޮށް މި އަހަރު މަސައްކަތް ފެށޭނެ" - ރައީސް
"ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތައް މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ." - ރައީސް ސޯލިހު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން - ރައީސް
"މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި" - ރައީސް
"މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ." - ރައީސް
"އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން އަންނަ މަހު އެސްއެމްއީ ލޯނު ދޫކުރަން ފަށާނެ. އަދި މި އަހަރު އެ ކުްފުންޏަށް ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވާނެ،" ރައީސް
"މި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.| - ރައީސް
"ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުން" - ރައީސް ސޯލިހު
"އިގްތިސާދީ ސިޔާސަތުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންތައް ފާހަގަކުރެވިފައިވޭ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރު ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިއަށް ވަނީ ލޮޅުން އަޅާފައި،" - ރައީސް
"އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން." - ރައީސް
"ސަރުކާރުން އަމާޒު ހިފާފައިވަނީ، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒޒާވު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް." - ރައީސް
"މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވެގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް. މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވު ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވު މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު." - ރައީސް
"ދެކުނު އެފްރިކާގަޔާއި އެމެރިކާގެ ވޮޝިންޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި." - ރައީސް
"ލާމެހިފައިވާ ކުޑަކުޑަ މުޖުތަމަޢަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ކުޑަ ޤައުމަކަށް، ވަރަށް މުހިންމު ކަމެއް" - ރައީސް
"އަޅުގަނޑު މަގާމާ ހަވާލުވުމަށްފަހު ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު، ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި" - ރައީސް
"ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް." - ރައީސް
"ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް" - ރައީސް
"ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނުލް އުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، މިހާރު އޮންނާނީ
މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި." - ރައީސް ސޯލިހު
"ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން، ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެހެންކަމުން، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މައްޗަށް." - ރައީސް ސޯލިހު
"މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް މިހާރު މިސްރާބުކުރެވިފައި ހުރީ މިހާތަނަށް ލިބިފައިވާ ހެކިތައް ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މައުނަވީ ނަތީޖާއާ ހަމައަށް ދިއުމަށް." - ރައީސް ސޯލިހު
"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ." - ރައީސް ސޯލިހު
" ހިޔާނާތް ބަލާ ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި. ބޭރުގެ އިދާރާތަކާއި ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން މި އަންނަނީ ހޯދަމުން."
-ރައީސް ސޯލިހު
"އަޅުގަނޑު މަގާމާ ހަވާލުވި އިރު ކޮރަޕްޝަނާއި ވައްކަމުން އުމަގުނުވާ އެންމެ އުމަގުނުވާ އެނމްެ ގުނަވަނެއް ދއުލަތުގައި ނެތް. ފަސާދައާ ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް ނެތް"
ރައީސް ސޯލިހު
"ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އަދުލު އިންސާފު ލިބޭނެކަން ޔަގީންކުރުމަށް މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މިގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ."
"މިދިޔަ ހަތަރު އަހަރު ތެރޭގައި މަޖިލިސް އޮތީ ޒިންމާތައް އަދާކުރިޔަ ނުދީ، ކަސްތޮޅު އަޅުވާފައި. އެހެންކަމުން ދުސްރޫތީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ.،"
-ރައީސް
"މިދިޔަ ހަތަރު އަހަރު ތެރޭގައި މަޖިލިސް އޮތީ ޒިންމާތައް އަދާކުރިޔަ ނުދީ، ކަސްތޮޅު އަޅުވާފައި."
-ރައީސް
"ރައްޔިތުން އަޅުގަނޑު މި މަގާމަށް އިސްކުރީ ކޮރަޕްޝަނާ ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހާތްތެރިކަމާއި އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި."
-ރައީސް ސޯލިހު
ޖަލްސާ ފެށިއްޖެ. ޖަލްސާއަށް ވަޑައިގެން ތިއްބެވީ 67 މެމްބަރުން.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ދަރުބާރުގޭގެ މާލަމަށް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންފި.
މިއީ ރައީސް ސޯލިހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން.
ކުރީގެ ދެ ރައީސުން މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެން އެބަ ތިއްބެވި. އަދި ކުރީގެ ދެ ނައިބު ރައީސުން ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަބްދުﷲ ޖިހާދުވެް ދަނީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަމުން.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަރުބާރުގެއަށް ވަޑައިގެންފި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ދާދި ދެންމެއަކު ދަރުބާރުގެއަށް ވަޑައިގެންފި.
މަޖިލީހުގެ މެމްބަރުން މިހާރު ދަނީީ ދަރުބާރުގެއަށް ހާޒިރުވަމުން. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 10:00 ގައި.
ރައީސްގެ ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި.