ޖަލުތަކުގެ އޮޑިޓު ހެދުމަށް ހޯމް މިނިސްޓްރީ އިން އެކުލަވާލާފައިވާ ކޮމިޝަން ފޯރ ޕްރިޒަން އޮޑިޓް އިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ބައްދަލުކޮށްފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި އެމަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ކުރިމަތިވެ ވަޑައިގެންނެވި ނަފްސާނީ ޕްރެޝަރާއި ސިއްހީ މައްސަލަތަކުގެ މައުލޫމާތު ކޮމިޝަނުގެ މެންބަރުންނާ ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑަށްވުރެ ބޮޑަށް މިކަން ތަހައްމަލު ކުރި މީހުންވެސް ޖަލުގައި ތިބި،" މައުމޫންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޖަލުގައި ތިބި ޖޫނިޔާ މުވައްޒަފުން މައުމޫނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް މައްޗަށް ތިބޭ މުވައްޒަފުންގެ ފަރާތުން ދަތިތައް ކުރިމަތިވިކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

މައުމޫނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު މައުމޫނު ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހުއެވެ. 237 ދުވަސް ވަންދެން ޖަލުގައި ހުންނެވުމަށްފަހު މައުމޫން މިނިވަންވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ނާކާމިޔާބުވެ ވަޑައިގަތް ފަހުންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޖަލު ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް (ރައީސް)، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، ޝަހިންދާ އިސްމާއިލް، އަލްއުސްތާޒާ ޒުލައިހާ ދާއޫދު، އަހުމަދު މުޙައްމަދުފުޅު، އަލްއުސްތާޒާ ޝާދިޔާ އާދަމް އަދި އައިމިނަތު ނާހީން އަހުމަދެވެ.