06 Feb 2019, 20:25
ހުއްދައަކާއި ނުލައި ޕާސްޕޯޓެއްވެސް ނެތި ރާއްޖޭގެ ބޯޑަރު ހުރަސްކުރާ އެހެން ގައުމުތަކުގެ މީހުން ގިނަ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ސަލާމަތީ ގޮތުން އެންމެ މުހިންމު ކަމަކީ އެގައުމެއްގެ ބޯޑަރު ރައްކާތެރި ކުރުން ކަމަށެވެ. އެހެން ނަމަވެސް އެތައް ބަޔަކު ރާއްޖޭގައި ހުއްދައަކާ ނުލައި އުޅެމުން ގެންދާކަން ފާހަގަކޮށް ޝަމާލް ވިދާޅުވީ އެއީ ނުރައްކަލެއް ކަމަށެވެ.
" އެނގޭ ދެއްތޯ އަޅުގަނޑުމެންނަށް ޖެނެރަލީ ކޮން ގައުމެއްގައި ބައެއްކަން މިއުޅެނީ ގަވައިދާ ހިލާފަށް ބޯޑަރު ހުރަސްކޮށް. މި ކަންކަމަކީ ސަލާމަތީ ގޮތުން ވިސްނަންޏާ މާބޮޑަށް ވިސްނަންޖެހޭ ކަންކަން. މާ ބޮޑަށް ހައްލު ބޭނުންވާ ކަންތައްތައް މިހުންނަނީ." ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.
ޝަމާލް އެހެން ވިދާޅުވީ އިންޑިއާގެ ސިފައިން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ހަރަކާތްތެރިވާތީ އެއީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ބުނެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތީ އެކަމާއި ގުޅިގެންނެވެ.
ބިދޭސީންތަކެއް: ގަވައިދާ ހިލާފަށް އެތެރެވެގެން އުޅޭ ބިދޭސީންނަކީ ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން ކަަމަށެވެ. އެމީހުން އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށްވެސް ދަތުރު ކުރާނީ ދިވެހި ސިފައިންގެ ކޮމާންޑަށް ކަމަށެވެ.
" ސިފައިން މާދަމާ ނުވަތަ ކުރިއަށް އޮތް ހަފްތާއެއް ވަންދެން ހެލިކޮޕްޓަރު ހުއްޓާލަން އެންގި. އެނގިވަޑައިގަންނަވާނެ މި ދޭތެރެއިން ހުއްޓާލާފައި އޮތީ. ހުއްޓާލާށޭ ބުނެފިއްޔަކާ އެ އޮޕްރޭޝަންސްތަކެއް ކުރިއަކަށް ނުދާނެ." ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ ކާކުކަން ނޭންގޭ ކިތަންމެ ބަޔަކު ދިރިއުޅޭ ގޭގެ ދޮރުބުޑުގައިވެސް އުޅެމުންދާ ކަމަށާއި އެއީ ސަލާމަތީ ނަޒަރަކުން ވިސްނާއިރު މާބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ޝަމާލް ފާހަގަކުރެއްވީ ގަވައިދާ ހިލާފަށް އެއްވެސް ޑޮކިއުމެންޓެއް ނެތި ރާއްޖެ އެތެރެވެގެން އުޅޭ ބިދޭސީންގެ ވާހަކަ އެވެ. ރާއްޖޭގައި 63،000 އަށް ވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އެތެރެވެގެން އުޅޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.