އޯލެވެލް އެސްއެސްސީ ދިވެހި އިމްތިހާނުގައި ށ. މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ޓެސްޓު ޕޭޕަރު މަދުވެގެން، ދިވެހި ޕޭޕަރުގެ ފޮޓޯ ކޮޕީ ހައިދައިގެން މިއަދު އިމްތިހާނު ބާއްވައިފި އެވެ.

މާއުނގު ސްކޫލްގެ ލީޑިން ޓީޗަރު އިބްރާހިމް ސޮލާހު މިއަދު ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ދިވެހި މާއްދާގެ އަށް ޕޭޕަރު މަދު ކަމަށާއި އެ ޕޭޕަރުތައް މަދުކަން އެނގުނީ އިމްތިހާނު ބޭއްވުމުގެ ކުރިން މިއަދު ޕޭޕަރުތައް ގުނުމުން ކަމަށެވެ. އަދި ވިދާޅުވީ ދިވެހި މާއްދާއިން 28 ދަރިވަރުން ބައިވެރިވާ ކަމަށާއި ނަމަވެސް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން އެ ސްކޫލަށް ފޮނުވާފައި ވަނީ 20 ޕޭޕަރު ކަމަށެވެ.

"ޕޭޕަރުތައް ނެގި ގަޑީގަ އެގުނީ. އެބޭފުޅުން ފޮނުވާފައި ވަނީ 20 ޕޭޕަރު. އާންމު ގޮތެއްގައި އޭގެ އިތުރަށް ވެސް ޕޭޕަރުތަކެއް ފޮނުވާނެ. އެ ގޮތުން 15 ޕޭޕަރު )އެހެން އަހަރުތަކުގައި( އިތުރަށް ފޮނުވާނެ. އެކަމަކު މިފަހަރު އެ ޕޭޕަރުތައް ނެތީ. އަށް ޕޭޕަރު މަދުވުމުން ފޮޓޯ ކޮޕީ ހައިދައިގެން އެ ޕޭޕަރުތައް ބަހާފައި ވަނީ،" ސޮލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޭޕަރުތައް މަދުވި ވާހަކަ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއަށް އަންގާފައިވާ ކަމަށެވެ. ދިވެހި ޕޭޕަރު ފޮޓޯ ކޮޕީ ހަދާފައި ވަނީ އެ ޑިޕާޓްމަންޓުގެ ރުހުން ލިބިގެން ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.
މާއުނގޫދޫގައި ހެނދުނު 9:00 ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނު ފެށުނީ 9:20 ގައެވެ.