ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޭން ޔޫއޭއީ އިން ނިންމައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ "ސަން" އަށް ވިދާޅުވީ ޔޫއޭއީ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި ދޭން ނިންމި ލޯނަކީ ތިން ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ދިން ލޯނެއް ކަމަށާއި ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން އެދޭ މުއްދަތެއް ދޭނެ ކަމުގެ އިޝާރާތެއް އެ ގައުމުން ދީފައިވާ ކަމަށެވެ.

ޔޫއޭއީ އިން ރާއްޖެއަށް ދޭ ލޯނު އެހީ އަކީ ކުޑަ އިންޓްރެސްޓެއްގައި ދޭ ލޯނެއް ކަމަށްވުމުން މިއީ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ހަ ޕަސެންޓު ހަތް ޕަސެންޓުގައި އަދި އެއަށްވުރެ ވެސް ބޮޑު ރޭޓުތަކުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި އަދި ދައުލަތުގެ ބަޖެޓާމެދު އެއްވެސް ފިކުރެއްނެތި ކޮމާޝަލް ރޭޓުގައި ލާރި ނަގަމުން ގެންގޮސްފައި ވަނީ. އަޅުގަނޑުމެން މިބަލަނީ ދައުލަތަށް އޮބި އޮންނާނެ ވަރަކަށް ކުދި އިންޓްރެސްޓުގައި ލޯނު ލިބޭތޯ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ޔޫއޭއީ އިން އެހީ ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މަޝްރޫއުތަކެއް ޔޫއޭއީ ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާއި، މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ވަރަށް ޕޮޒިޓިވްކޮށް އެ ބޭފުޅުން ތިއްބެވީ،" މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކޮންސެޝަނަލް ލޯނުގެ ގޮތުގައި އެހެން ގައުމުތަކުން ވެސް ލޯނާއި އެހީގެ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތަށް އެހީ ހޯދާނީ އިތުރު ބުރައަކަށް ނުވާނެ ގޮތަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ދޭ އެހީތައް އިތުރުވެ ގުޅުންތައް ބަދަހިވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.