06 Feb 2019, 19:38
އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕެއިނުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ބައިވެރިވެއްޖެއެވެ.
އެ އޮތޯރިޓީގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް، މުވައްޒަފުންނަށް ބިއްލޫރި ފުޅި ބެހުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅުވެސް އެލްޖީއޭގެ މުވައްޒަފުންނަށް މިއަދު ވަނީ ބަހައިފައެވެ.
މިނިސްޓަރު ވަނީ އާންމު ދިރިއުޅުމުގައިވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެލްޖީއޭގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިނުގައި އެލްޖީއޭ އިން ބައިވެރިވުން -- ފޮޓޯ: އެލްޖީއޭ
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ގުޅޭ މައުލޫމާތުދީ، ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާގުޅޭގޮތުން އެލްޖީއޭގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުލާކާ ޕްލާސްޓިކް ފުޅި އާއި ކޮތަޅު، ކިއްލި އަދި ސުޕާރީ ޕެކެޓު އޮފީހުގައި ބޭނުން ކުރުން ހުއްޓަލަން އެލްޖީއޭގެ މުވައްޒަފުން ވަނީ ނިންމައިފައެވެ.