އުރީދޫ މޯލްޑިވްސްގެ ފަރާތުން ދިވެހި ސަރުކާރަށް ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާ ކުރަން ނިންމައިފިއެވެ.

މިއަދު ހެނދުނު އުރީދޫ މޯލްޑިވްސްގެހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަިއ މިކަން އިއުލާނުކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާންއެވެ. މި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި އެވެ.

ސްމާޓް ކެމްޕަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ، އުނގަންނައިދިނުމުގެ ޕްލެޓްފޯމެކެވެ. އުރީދޫގެ މި ޕްލެޓްފޯމު މެދުވެރިކޮށް ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމައަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުވުމަށް ކްލާސްތައް ހިންގޭނެއެވެ.

އުރީދޫ އިން ބުނޫ މި ޕްރޮގްރާމުތައް ހިންގާނީ ރާއްޖޭގެ ޔުނިވަރސިޓީތަކާއި ގުޅިގެން ކަމަށާއި މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ސްމާރޓް ކެމްޕަސް އަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓް އިން އެޑިއުކޭޝަންއިން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަންއެކެވެ. ސްމާރޓް ކެމްޕަސްގެ ޚިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުން، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އުރީދޫގެ ހަލުވި G4 ނެޓްވާރކް މެދުވެރިކޮށް ގުޅާލެވި، އޮންލައިން އިންޓައެކްޓިވް ކްލާހެއްގައި ވަގުތުން ބައިވެރިވެވޭނެއެވެ.

މި މާހައުލުގައިވާ އިންޓައެކްޓިވް ވައިޓްބޯޑްއިން ވީޑިއޯ އާއި އޯޑިއޯ އަދި ޓެކްސް ޗެޓްކޮށް، ޕްރެޒެންޓޭޝަންތައް ހިއްސާކުރެވި، ޑޮކިއުމަންޓްތަކާއި ފޮޓޯތައް ދަރިވަރުންނާއި ޓީޗަރުންނަށް ފޮނުވޭނެއެވެ.

އުރީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޖިޓަލް މޯލްޑިވްސްއަށް އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުންނާއި ވީހާވެސް ގިނަބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއި އުރީދޫ ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވެގެންދޭ. މި ހިންގޭ ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން، އަލުން މުޖުތަމައުއަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ. ސްމާރޓް ކެމްޕަސް އަކީ އޮންލައިންކޮށް ތައުލީމް ހާސިލްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތަކަށް ވީ ހިނދު، ހިލޭ މި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން، ސްމާރޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ޕްރޮގްރާމްތައްވެސް ހިލޭ ފޯރުކޮށްދެވެ.