ކޯޗް ޕެޕް ގާޑިއޯލާ ބާސެލޯނާގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް އެކްލަބުގެ ރައީސް ސެންޑްރޯ ރޮސެލް ބުނެފިއެވެ.

ގާޑިއޯލާ ވަނީ 2008 ވަނަ އަހަރު ސީނިއާ ޓީމާއި ހަވާލުވެ ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައެވެ. ބާސެލޯނާގެ ކޯޗުކަމާއި ދިގު މުއްދަތަކަށް ހަވާލުވުމަށް ދެކޮޅު ހެދި ނަމަވެސް އަހަރަކުން އަހަރެއް ކޮންޓްރެކްޓް އާކުރަމުން ދެއެވެ. ބާސާގެ ކޯޗުކަމުން ގާޑިއޯލާ ދުރުވުމަށް ފަހު އިޓަލީ ނުވަތަ ގަތަރުގެ ކުލަބަކާއި ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ކޮންމެ ދުވަހަކު އަހަރެންނަށް ހީވޭ ބާސާގެ ކޯޗުކަމުން ދުރުވެވެން އުޅޭހެން. އަހަރެންގެ ކުރިމަގަށް ބަދަލު ގެނައުމުގެ މިނިވަންކަން އަހަރެން އޮވެއްޖެއްޔާ އަހަރެންނަށް ރަނގަޅަށް މަސައްކަތް ކުރެވޭ. ދިގު މުއްދަތަކަށް ކޯޗުކަމާއި ހަވާލުވެއްޖެނަމަ، ކާމިޔާބީތަކަށް ހުރަސްއެޅުމުގެ ބިރެއް އޮވޭ." ގާޑިއޯލާ ބުންޏެވެ.

އަދި ކުރިމަގަށް ވިސްނާފައި އޮތްގޮތެއް ނޭނގޭކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"ބާސާއިން އަދިވެސް އަހަރެން ބޭނުންނަމަ އަހަރެން ކުލަބުގައި މަޑުކުރަމަށް ވިސްނާނަން. އެމީހުން އަހަރެން ބޭނުންނުވާނަމަ މަގާމުން ވަކިކުރުވާނެ. އޭގެ ފަހުން އަހަރެންގެ ކުރިމަގާއި މެދު ގޮތެއް ނިންމާނަން. ކުޅުންތެރިންނާއި އެކު ދެމިހުންނަން ބޭނުންނުވާނެ ދުވަހެއް އަންނާނެ. ހަމައެގޮތަށް ކުޅުންތެރިން އަހަރެންނާއެކު ހުންނަން ބޭނުންނުވާނެ ދުވަހެއް ވެސް އަންނާނެ. އެކަހަލަ ދަނޑިވަޅުތަކަކީ ކުރިމަގަށް ނިންމުންތައް ނިންމާނެ ވަގުތުތައް." ގާޑިއޯލާ ބުންޏެވެ.

ކޮންމެ ގޮތަކުން ވިޔަސް ކޯޗު ގާޑިއޯލާ ބޭނުންވާކަމަށް ބާސެލޯނާގެ ރައީސް ރޮސެލް ބުންޏެވެ. "ގާޑިއޯލާ އަކީ އަހަރެމެން ބޭނުންވާ މީހަކީ. އޭނާ އަކީ ކުލަބު ދުށް އެންމެ މޮޅު ކޯޗު. ގާޑިއޯލާ ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އޭރަށް ގާޑިއޯލާ އަށް ނޫނެކޭ ކުލަބަށް ނޫނެކޭ ބުނަން އުނދަގޫވާނެ." ރޮސެލް ބުންޏެވެ.

ކޯޗެއްގެ އިތުރުން ގާޑިއޯލާ އަކީ މިޑްފީލްޑަރެއްގެ ގޮތުން މަޝަހޫރު ކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބާސެލޯނާގެ ކެޕްޓަންކަން އަދާކޮށް، އެކުލަބަށް ގިނަ މެޗުތަކެއް ކުޅެދީ މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފައި ވެއެވެ. މީގެ އިތުރުން ގާޑިއޯލާ ވަނީ، ރޯމާ އަށާއި، ބްރެސިއާ އަށާއި، އަލްއަހްލީ އަދި ޑޮރަޑޮސް އަށް ވެސް ކުޅެފައެވެ. 2006 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން ރިޓަޔާ ވުމަށް ފަހު ގާޑިއޯލާ ފެނިގެންދިޔައީ މޮޅު ކޯޗެއްގެ ގޮތުގައެވެ. ބާސެލޯނާގެ ބީ ޓީމުގެ ކާމިޔާބީ އަށް ފަހު 2008 ވަނަ އަހަރު ގާޑިއޯލާ އަށް ވަނީ އޭ ޓީމު ހަވާލުކޮށްފައެވެ.