ފަތުރުވެރިން މަރުވުމުގައި ޕެރަޑައިސް އައިލެންޑު ރިސޯޓުން އިހުމާލުވެފައިވާ ކަމަށް ވިޔަސް އެ ރިސޯޓާ މެދު ޓޫރިޒަމް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ހިމެނިވަޑައިގަންނަވާ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓެއް ކަމަށްވާ ޕެރަޑައިސްގައި ނިމި ދިޔަ ޖެނުއަރީ މަހު ވަނީ ތިން ފަތުރުވެރިއަކު މަރުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިން މަރުވުމުގައި ރިސޯޓުތަކުގެ އިހުމާލެއްވާ ނަމަ ފިޔަވަޅު އަޅާނެތޯ "ސަން" އިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ، އިހުމާލެއްވާ ނަމަ އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޖެނުއަރީ މަހުގެ ތެރޭގައި ހިނގައި ދިޔަ ފަތުރުވެރިންނާ ގުޅޭ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އެ ހާދިސާތައް ހިނގައި ދިޔަ ތަންތަން ޓޫރިޒަމް މިނިސްޓްރީގެ ޓީމުތަކުން އިންސްޕެކްޓު ކުރި ކަމަށެވެ. އެގޮތުން ޕެރަޑައިސް އަށް ވެސް ޒިޔާރަތްކޮށް އިންސްޕެކްޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޓީމުތަކުގައި މިނިސްޓީރިއަލް ލެވެލްތަކުގެ ބޭފުޅުން ހިމެނޭ. އަޅުގަނޑު ވެސް ދިޔައިން އަދި ޑެޕިއުޓީ މިނިސްޓަރުން ވެސް ސްޓޭޓް މިނިސްޓަރުން ވެސް ވަޑައިގެންފައި ވަނީ. މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިން އިހުމާލުވެފަކާ ނެތް އެއްވެސް ދިމާލަކުން އެކަމުގައި،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިހާރު މަޑު ކުރަމުން ދަނީ ފުލުހުންގެ ތަހުގީގީ ރިޕޯޓަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ފުލުހުން ތަހުގީގުކޮށްފައި އިހުމާލުވާ ފަރާތެއްވޭތޯ ބެލުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި އިހުމާލުވެފައި ވަންޏާ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން. އެއީ ޕެރަޑައިސް ވިޔަސް އެހެން ތަނެއް ވިޔަސް އަޅުގަނޑުމެން ތަފާތުކުރުމެއް ނޯންނާނެ،"

"ވަކި ބޭފުޅަކަށް ނިސްބަތްވާ ތަނަކަށް ވެގެން އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޖެނުއަރީ މަހު ޕެރަޑައިސްގައި ތިން ފަތުރުވެރިއަކު މަރުވި އިރު އެންމެ ފުރަތަމަ އެފަދަ ހާދިސާއެއް ހިނގީ އެ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ދުވަހު މަރުވެފައި އޮއްވާ ފެނުނީ ސްނޯކްލިންއަށް ގޮސް އުޅުނު އުމުރުން 66 އަހަރުގެ ކޮރެއާ އަންހެނެކެވެ.

އޭގެ ފަހުން ޖެނުއަރީ 19ގައި ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ މީހަކު މޫދަށް އެރި އުޅެނިކޮށް ވަނީ ގެނބިގެން މަރުވެފަ އެވެ.

އަދި ޖެނުއަރީ 28ގައި ޗައިނާގެ އުމުރުން 36 އަހަރުގެ ފަތުރުވެރިއަކު އެ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ވަަނީ ފެނިފަ އެވެ.