06 Feb 2019, 15:43
ފަތުރުވެރިންނަށް ރާއްޖޭގައި ހެދުން އެޅުމުގެ މިންގަނޑުތައް ކިޔައިދިނުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިލްތިމާސްކޮށްފި އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، ރަށްރަށަށް ދާ ފަތުރުވެރިން ނިވާކަން ކުޑަ ފޭރާމުގައި ރަށުތެރޭގައި އުޅޭ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފަތުރުވެރިން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އުޅޭ އިރު ފޭރާން އަޅަން ޖެހޭ މިންގަނޑު ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެހެން ކަމުން އެ ގަވާއިދު ފަތުރުވެރިންނަށް ކިޔައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އިލްތިމާސް ކުރަން ކައުންސިލުތަކުން އަދި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން މިކަންކަމަށް ރިއާޔަތް ކުރަން. އަޅުގަނޑުމެންނަކީ އިސްލާމީ ގައުމެއް،"
"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރަން، މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް ފަތުރުވެރިންނަށް އިންފޯމްކޮށްދީ، އެ މިންގަނޑުތައް ފޮލޯ ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގަވާއިދު އޮންނަ ގޮތް ފަތުރުވެރިންނަށް ކިޔައިދިނުމުން އެކަމަށް ފަތުރުވެރިން އިހްތިރާމް ކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ގެސްޓްހައުސް ވިޔަފާރި ހިންގާ ބައެއް ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަ ބީޗު ސަރަހައްދުތައް ހުރެ އެވެ. އެހެން ނަމަވެސް، އެ ސަރަހައްދުތަކުން ބޭރަށް ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން ނުކުންނާތި އެކަމާ ބައެއް ރަށްރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރެ އެވެ.