އައިޖީއެމްއެޗްގައި އެނދުމަތިކޮށްފައި އޮތް ބަލި މީހެއްގެ އަތްދަބަހުގައި ހުރި ފައިސާތަކާއި ރަން ފަށެއް ވަގަށް ނެގި މައްސަލައެއްގައި އެ ހޮސްޕިޓަލުގެ މުވައްޒަފަކު ދެ އަހަރު ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ގދ. ތިނަދޫ، ޓެއިލާ އާމިނަތު އަހުމަދު ދެ އަހަރު ދުވަހަށް އަރުވާލުމަށް ހުކުމްކުރީ، އައިޖީއެމްއެޗުގެ އަންހެނުންގެ ވޯޑުގައި އޮތް ބަލި މީހެއްގެ އެނދުކައިރީގައި ހުރި ކަބަޑެއްގެ ތެރެއިން 1325ރ. އާއި ރަން ކެވެލި ކޮޅަކާއި ހަތަރު އައިޑީ ކާޑާއި އަދި އައްޑޫ ޒޯންގެ ޑްރައިވިން ލައިސަންސެއް ވަގަށް ނެގި މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުން ކަމަށެވެ.

އޭނާ އެތަކެތި ވަގަށް ނަގާފައި ވަނީ، ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު އަންހެނުންގެ ވޯޑްގެ 11 ނަމްވަރު އެނދުގައި އޮތް ބަލި މީހާ، އެހީތެރިޔަކާ އެކު ބޭރަށް ނުކުތް ވަގުތު އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިބާވަތުގެ ކުށެއް އައިމިނަތު އަހުމަދުގެ މައްޗަށް ސާބިތުވި މިއީ ދެ ވަނަ ފަހަރު ކަމުގައިވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައި ކަމަށެވެ.

ކޯޓުން ބުނީ އާމިނަތު އަހުމަދުގެ މައްޗަށް ފެބުރުވަރީ7، 1997ގައި ވެސް ވައްކަމުގެ މައްސަލައެއް ސާބިތުވެގެން އެއް އަހަރުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.
---------------------------------

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއު ކުރި، އާމިނަތު އަހުމަަކީ ނަރުހެއް ކަމަށް ލިޔެވުނީ އޮޅުމަކުންނެވެ. ވީމާ އެ ކުށަށް އައިޖީއެމްއެޗުގެ އެންމެހާ ނަރުހުންނާއި މެނޭޖުމަންޓާއި ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.