އިންޑިއާގެ އެހީގައި ރާއްޖޭގައި ބަހައްޓާ ރާޑަރުތައް ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމުގައި ވެސް ހަރަކާތްތެރި ވަނީ ދިވެހި ސިފައިން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގެޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ރާއްޖޭގައި އިންޑިއާ އިން ހަރުކުރާ ރާޑަރުތައް ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށެވެ.

އަދި މިހާރު ހަރުކޮށްފައި ހުރި ރާޑަރުތައް ވެސް ބަލަހައްޓަނީ ދިވެހި ސިފައިން ކަމަށް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވި އެވެ.

ރާޑަރުތައް ބައްހައްޓަން ނިންމާފައި ހުރި ތަންތަނުގެ ތެރޭގައި އައްޑު އަތޮޅު ގަމާއި ލ. ކައްދޫ އާއި ހއ. އުލިގަމު އަދި ހދ. މަކުނުދޫ ވެސް ހިމެނެ އެވެ. މިހާރު އޭގެ ތެރެއިން އޮޕްރޭޓް ކުރަމުންދަނީ ތިން ރާޑަރެކެވެ. އެހެން ރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެެވެ.

ރާޑަރުތައް ބަހައްޓާނެ ލޮކޭޝަންތައް ނިންމާފައި ވަނީ އެމްއެންޑީއެފުން ބޭނުންވާ ލޮކޭޝަންތަކުގައި ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގެޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

"މީގެ ކުރީގައި ބެހެއްޓިފައި ހުރި ތިން ރާޑަރު މިހާރު އޮޕަރޭޝަނަލްގައި އެހުރީ. ޖުމްލަ 10 ރާޑަރު މި އަންނަނީ. މިހާރު ބެހެއްޓިފައި ހުރި އެއްވެސް ރާޑަރެއް ބެހެއްޓުމަށް ފަހު އޭގެ އޮޕަރޭޝަންސް އޭގެ މެއިންޓެނެންސް، އޭގެ ބެލެހެއްޓުމުގައި އޭގެން އެއްވެސް މަސައްކަތެއްގައި އިންޑިއާގެ އެއްވެސް މީހަކު ނުހުންނާނެ. ސީދާ ދިވެހި ސިފައިން އެތަންތަނުގައި ހަރަކާތްތެރިވަމުން ދަނީ." ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގެޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވި އެވެ.

އަދި އިންޑިއާ ސިފައިން ހަރަކާތްތެރި ވާނީ ހަމައެކަނި ރާޑަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތުގައި ކަމަށް ވިދާޅުވި އެވެ.

ރާޑަރުތައް ބެހެއްޓިފައި ހުރީ އިސްތިރާޖީގޮތުން ބަލާފައި އުތުރުން ފެށިގެން ދެކުނާ ހަމައަށް މުހިންމު ރަށްރަށުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.

ރާއްޖޭގެ ކަަނޑުގެ ސަރަހައްދަށް ބަލައިލި ނަމަވެސް ނޭދެވޭ އެކި އެކި ކަންކަން ހިނގަމުންދާ ކަމަށް ޝަމާލް ވިދާޅުވި އެވެ. އެގޮތުން މަސްތުވާތަކެތި ކަނޑުމެގުން އެތެރެކުރުމާއި ގަވައިދާއި ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުމާއި ރާއްޖެ ސަރަހައްދަށް ތެޔޮ ބޯޓުތައް އައިސް ތެޔޮ ވިއްކުން ހިމެނޭ ކަމަށް ޝަމާލް ވިދާޅުވި އެވެ.

އެފަދަ ކަންކަން ހުއްޓުވުމަށް ރާޑަރުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ފާހަގަކުރެއްވި އެވެ.

ޗީފް އޮފް ޑިފެނެސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް ގިނަ އިއްލީގަލް އެކްޓިވިޓީސް އިންޑިއަން އޯޝަންތެރޭގައި ހަމަ ހިނގަމުން ދަނީ. ރާޑަރުތައް ރަނގަޅަށް އޮޕަރޭޓްކޮށް އޭގެން ރަނގަޅު ޕިކްޗާއެއް ފެންނަން ފެށީމާ ވަަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ސަރަހައްދު އީ ޒެޑާ އެކީގައި ބެލެމުން ދާނެ." ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ 99.7 ޕަސެންޓަކީ ކަނޑު ކަމަށް ވުމުން ސަރަހައްދުތައް ބެލެހެއްޓުމަކީ ޗެލެންޖެއް ކަމަށެވެ. އެހެން ނަމަވެސް އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ޝަމާލް ވިދާޅުވި އެވެ.