06 Feb 2019, 15:20
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަވެއްޖެ އެވެ. އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަވި އިރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފަ އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 37 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 0.7 ޕަސެންޓު މަދުވެފައިވާ ކަމަށެވެ.
ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވުމަށް ހައްލެއް ހޯދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ސްޓޭކް ހޯލްޑަރުންނާ އެކު ޗައިނާ އެމްބަސީއާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޗައިނާގެ މާކެޓު މިިދިޔަ އަހަރުއްސުރެ ދައްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ސަބަބަކާ ހުރެ ދިމާވި ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ މިއަދު އިތުރަށް ވިދާޅުވީ، އިޓަލީ ވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 17 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އަލީ ވަހީދު މިއަދު ވިދާޅުވީ މި މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 6.5 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
"ހިތާމަވެރި ހާދިސާތަކަކާ ވެސް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އެރައިވަލްސް ކުރިއަރައިގެން ދިޔުމުން މި އަހަރާ ދޭތެރޭގައި ކުރާ އުންމީދު ވަރަށް ބޮޑު.
ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، ނިމި ދިޔަ ޖެނުއަރީ މަހު ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ޖެނުއަރީ މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 17 ޕަސެންޓަކީ ޗައިނާ ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް:
ޗައިނާ: 17 ޕަސެންޓު
- އިޓަލީވިލާތް: 11 ޕަސެންޓު
- އިންޑިއާ: 7.7 ޕަސެންޓު
- އިނގިރޭސި ވިލާތް: 6.7 ޕަސެންޓު
- ޖަރުމަނު ވިލާތް: 6.5 ޕަސެންޓު
ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން ވަރުގަދަވި އިރު އިންޑިއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެހެން ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި އިންޑިއާއެކު އޮތް ގުޅުން އަނެއްކާ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.