ކުރިއަށް އޮތް ހަތަރު މަސް ނުވަތަ 120 ދުވަހުގެ ތެރޭގައި މާލެއަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝަހް އެވެ.

އެ އެއްބަސްވުމުގެ ދަށުން 120 ދުވަސް ތެރޭގައި މާލެއަށް މިނީބަސް ތައާރަފްކޮށް ހިދުމަތް ދޭން ފަށަންވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ޕަބްލިކް ޓްރާންސްޕޯޓް އިތުރަށް ހަރުދަނާކޮށް ދަތުރުފަތުރުގެ ނިޒާމްގައި މިހާރު އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މާލެއަށް މިނީބަހުގެ ހިދުމަތް ދޭން ފެށުމުން އޭގެ ސަބަބުން އާންމުންނަށް ލުއި ފަސޭހަ ތަކެއް ވެގެން ދާނެ،" ނަހުލާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާ އިން މުހިއްމު ކަންތައްތަކެއް ހާސިލުކުރުމަށް ކަނޑައަޅާފައިވާއިރު ސަރުކާރުގެ ފުރަތަމަ 90 ދުވަސްތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފުކުރަން ވަނީ ނިންމައިފައެވެ.

މީގެ ކުރިން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ދެމެދު ބަހުގެ ހިދުމަތް ދެމުން އައި އެމްޕީއެލް އެއްފަރާތް ކުރުމަށްފަހު މިސަރުކާރުން ވަނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފަ އެވެ.