ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެހިހެން ތަންތަނުގައި ކަންތައް ހިނގާ ގޮތް ބަލައި، ސަލާމަތީ ކަންްކަން ކަށަވަރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެ ތަންތަން އިންސްޕެކްޓު ކުރުމުގެ ޕްރޮގްރާމެއް މާދަމާ ފަށަން ނިންމައިފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާދަމާ ފަށަން ނިންމާފައިވާ އެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފްއާއި މޯލްޑިވްސް އެސޯއިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލާނީ މި އަހަރުގެ ސެޕްޓޭމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޕެކްޝަން ފަށާނީ ބޮޑު ތިލަދުންމަތިން ކަމަށެވެ. އަދި މިނިސްޓްރީއާއި މަޓީއާއި ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުން ހިމެނޭ ދެ ޓީމަކުން ޒޯންތަކަށް ބަހާލައިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވާ އަޅާފައިވާ ފިޔަވަޅުތައް. ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް. މުވައްޒަފުންގެ ހައްގުތައް އަޅުގަނޑުމެން ވަރަށް ފުރިހަމަ ގޮތެއްގައި ބެލުމަށް ވަނީ ހަމަޖެހިފައި،"

އޭނާ ވިދާޅުވީ، އެ އިންސްޕެކްޝަނުގެ އަލީގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްދޭ ތަންތަނުގެ ފެންވަރު ވަރަށް ރަނގަޅަށް ދެނެގަނެވޭނެ ކަމަށެވެ. އަދި އެއީ ބަޔަކު ފަލީހަތް ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ކަންކަން އިސްލާހު ކުރުމަށް ފަށާފައިވާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ރާއްޖޭގެ ތަންތަނުގެ ހާލަތު ރަނގަޅަށް ދެނެގަތުމާއި އަދި ޕޮޒިޓިވް އެޕްރޯޗެއްގައި މިކަންކަން ރަނގަޅު ކުރުން. މިއީކީ އެއްވެސް ގޮތަކަށް އެއްވެސް ބަޔަކު ފަލީހަތް ކުރުމަށް ނުވަތަ އެއްވެސް ބަޔަކާ ދޭތެރޭގައި ނުރަނގަޅު ގޮތަކަށް ކަންތައް ކުރާކަށް ސަރުކާރުން ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް އޮންނަ ސިނާއަތެއްކަން ފާހަގަ ކުރައްވައި އަލީ ވަހީދު ވަނީ އެ ސިނާއަތަށް ހުތުރު ނަމެއް ލިބޭ ގޮތަށް ވާހަކަތައް ނުދެއްކެވުމަށް ވެސް މިއަދު އިލްތިމާސް ކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނުގެ އިންސްޕެކްޝަނެއް ފަށަން ނިންމާފައިވާ އިރު މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ރިސޯޓުތަކުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މަރުވެފަ އެވެ.