06 Feb 2019, 13:50
ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ދެމުން ގެންދާ ސެކިއުރިޓީ ދިނުން ހުއްޓާލައިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީންއަށް ސެކިއުރިޓީ ދިނުން ހުއްޓާލިކަމަށް ބުނެ މީސް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން މިހާރު ވެސް ރައީސް ޔާމީންއަށް ސެކިއުރިޓީ ދެމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބޭފުޅުންނަށާއި އަދި ކުރީގެ ރައީސުންނަށް އެމްއެންޑީއެފުން މިހާރު ވެސް ދަނީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.
ފާއިތުވި ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ދިނުން ހުއްޓާލި އެވެ. ނަމަވެސް މިހާރު އެ ދެ ބޭފުޅުންނަށް ވެސް އެމްއެންޑީއެފުން ދަނީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.