09 Oct 2011, 12:46
ހުއްދަ ނެގުމަކާ ނުލައި އަތޮޅުތަކުގައި ކޭބަލްޓީވީގެ ހިދުމަތްދޭ ތަންތަން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންގައި ރަޖިސްޓްރީ ކުރަން އަންގައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހުއްދަ ނުނަގައި ކޭބަލްޓީވީގެ ހިދުމަތް ބައެއް ފަރާތްތަކުން ދެމުން ގެންދާ ކަމަށެވެ.
ބްރޯޑް ކާސްޓްކުރުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއީ މަނާކަމެކެވެ.
"ލައިސަންސް ނެތި ހިދުމަތްދޭ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި ގަވާއިދުން ލައިސަންސް ހޯދުމަށް އެދި މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ،" އިއުލާންގައި ވެއެވެ.
ކޮމިޝަނުން ދިން މުއްދަތުގެ ކޭބަލްޓީވީ ދިނުމަށް ރަޖިސްޓްރީ ނުކޮށް ހިންގާ ފަރާތްތަކާމެދު ބުރޯޑްކާސްޓްކުރުމުގެ 44 ވަނަ މާއްދާގެ (ބ) އަދި (ޅ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ގާނޫގެ (ބ) ގެ ދަށުން ހުއްދަ ނުހޯދާ ހިދުމަތްދޭ ފަރާތްތައް ހުއްޓުވާ ޖޫރިމަނާކޮށް އަދި ހިދުމަތް ދިނުމަށް ބޭނުންކުރި ތަކެތި އަތުލުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ. އަދި އެ ގާނޫނުގެ (ޅ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ކުރުމުގެ ހައްގުވެސް އެ ކޮމިޝަނަށް ލިބެ އެވެ.