06 Feb 2019, 12:47
ސަރުކާރުގެ ކުންފުނިތަކާއި އާންމުން ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި މާލީ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވޭ ގޮތަށް އުފެއްދި "ވުނަވިޔަ ޕޯޓަލް" އާއި "ވިޔަވެރި ޑައިރެކްޓްރީ" އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިފްތިތާހް ކޮށްފިއެވެ.
މިއަދު އޮޑިޓަރ ޖެނެރަލް އޮފީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ވުނަވިޔަ ޕޯޓަލް" އިފްތިތާހްކޮށްދެއްވީ ޕަބްލިކް އެކައުންޓް ކޮމިޓީގެ ޗެއާމަން އަހުމަދު ނާޝިދެވެ. އަދި "ވިޔަވެރި ޑައިރެކްޓްރީ" އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޯޕަން ޕޮލިސީ އަކީ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށާއި ކުރީ ސަރުކާރުތަކުން ނުކުރާ ގިނަ ކަންތައްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
"ފިނޭންސް މިނިސްޓްރީގެ ދައުލަތުގެ ދަރަނީގެ ހިސާބުތައް މިދަނީ ކޮންމެ މަހަކު އެއް ފަހަރު ރައްޔިތުންނަށް ފެންނާނެހެން އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަމުން،"

ރަސްމިއްޔާތުގެ ތެރެއިން--- އޮޑިޓާ ޖެނެރަލް އޮފީސް
އެކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކާއެކު ސަރުކާރުން ހިންގާ ކަންތައްތައް، ސަރުކާރުގެ އާމްދަނީ އެއްވެސް ސިއްރެއްނެތި ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިސާބުތައް ރައްޔިތުންނަށް ފަސޭހަވާ ގޮތަށް އެކްސެސްވެވޭ ގޮތް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިގްތިސާދު ހިންގުމުގެ ދާއިރާ ރަނގަޅު ކުރަން ބޭނުންވާނަމަ އެބަޖެހޭ ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ދާއިރާ ރަނގަޅުކުރަން،"
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އުންމީދަކީ ވިޔަވެރި ޑައިރެކްޓަރީ މެދުވެރިކޮށް ރާއްޖޭގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަށް އެއްތަން ކުރުން ކަމަށެވެ.
"ރާއްޖޭގެ ކަންކޮޅުތަކުގައި އެކައުންޓިން ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުންވެސް މި ޑައިރެކްޓަރީގައި ރެޖިސްޓްރީ ވުމަށް އެދެން،" ކަމަށެވެ.