އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ 86 ކެންޑިޑޭޓުން މިއަދު ފޯމު ހުށަހެޅީ، ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ އިދާރާއިން ފެށިގެން ބާ ޖަމާލުއްދީނާ ހަމައަށް ހިނގާފައި ގޮހެވެ. އެ ހިނގާލުމުގައި އެ ކެންޑިޑޭޓުންގެ އިތުރުން އެ ޕާޓީގެ އާންމު މެމްބަރުން ވެސް ބައިވެރިވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކެންޑިޑޭޓުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އެވެ.

އެމްޑީޕީގެ ކެނޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފޯމުތަކާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކެންޑިޑޭޓުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަމްޖަދު ވިދާޅުވީ، މަޖިލިސް އިންތިހާބު އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަހަރުގެ އިންތިހާބު ވެގެންދާނީ އެތައް ގޮތަކުން ހާއްސަ އިންތިހާބަކަށް ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި ކުރީގެ ރައީސަކާއި ކުރީގެ ނައިބު ރައީސަކާއި ކުރީގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން، ގިނަ އަންހެން ބޭފުޅުންނާއި ޒުވާނުން ވެސް މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނައިން ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބަކަށް މި އިންތިހާބު ވެގެންދާނެ،" އަމްޖަދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެނޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުލްރަހީމް ވިދާޅުވީ، ކެންޑިޑޭޓުންގެ މަންދޫބުންނާއި، މަޖިލިސް އިންތިހާބު ސިޔާސީ ޕާޓީތަކުންނާއި، ރާއްޖޭގެ މީޑިއާތަކުންނާއި ބައިނަލްއަގްވާމީ މީޑިއާތަކުން އިންތިހާބު އޮބްޒާވް ކުރާނެ ކަމަށެވެ.

"މި އެންމެންގެ ކުރިމަތީގައި މި ލެވޭ ވޯޓަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެން އާންމު ފަރުދުން، ފަރުދީ ޒިންމާ އަދާކޮށްފިއްޔާ އެއްވެސް ކަހަލަ މަކަރެއް ހެދޭނެ އިންތިހާބެއް ނޫން." ހަބީބު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތަށް އެމްޑީޕީގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީގެ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.