06 Feb 2019, 11:04
ގާހިރާ (ފެބްރުއަރީ 6): މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީގެ ރިޔާސީ ދައުރު އިތުރު ކުރެވޭނެ ބަދަލެއް ގާނޫނު އަސާސީއަށް ގެންނަން އެގައުމުގެ ޕާލިމެންޓަރީ ކޮމިޓީއަކުން ރުހުން ދީފި އެވެ.
މިހާރު މިސްރުގެ ގާނޫނު އަސާސީގައި އޮތް ގޮތުން، 2022 ވަނަ އަހަރު ސީސީގެ ހަތަރު އަހަރުގެ ދެވަނަ ދައުރު ނިމުމުން އޭނާ ރައީސް ކަމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭނެ އެވެ. ނަމަވެސް މިހާރު ޕާލިމެންޓަށް ހުށަހަޅާފައިވާ ބިލު ފާސްވެއްޖެ ނަމަ ރިޔާސީ ދައުރު ހަ އަހަރަށް އިތުރު ކުރެވޭނެ އެވެ. އަދި ސީސީއަށް އިތުރު ދެ ދައުރަށް ކުރިމަތިލެއްވޭނެ އެވެ. އެހެންކަމުގެ 64 އަހަރުގެ ސީސީއަށް 2034އާ ހަމައަށް ރައީސްކަމުގައި ހުރެވޭނެ އެވެ.
މިސްރުގެ ޕާލިމެންޓުގެ ތިންބައި ކުޅަ ދެބައި މެމްބަރުން އެބިލަށް ރުހުން ދީފި ނަމަ، އެބަދަލާ ބެހޭ ގޮތުން އެގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެބިލާ ދެކޮޅަށް މަދު މެމްބަރުންތަކެއް ވާހަކަ ދެއްކެވި ނަމަވެސް ޕާލިމެންޓުގެ ގިނަ މެމްބަރުންނަކީ ސީސީއަށް ތާއީދު ކުރައްވާ ފަރާތްތަކެވެ.
ދެހާސްތޭރަ ވަނަ އަހަރު ސީސީ ވެރިކަމަށް ވަޑައިގެންނެވީ މިސްރުގައި ޑިމޮކްރެޓިކް އިންތިހާބަކަށް ފަހު ފުރަތަމަ ރައީސްކަމަށް ވަޑައިގެންނެވި މުހައްމަދު މޫރުސީގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލެއްވުމަށް ފަހުގަ އެވެ.