09 Oct 2011, 12:32
ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ]ސާކް[ އުފެދުނީ ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ވިޔަސް އެކަން ހާސިލު ވަމުން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސާކްގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި އިންސްޓްޓިއުޝަނަލް މެކޭނިޒަމް ވަރުގަދަ ކުރުމަށް ބާއްވާ ބައްދަލުވުން ]ކޮންޒަވޭޓިވް މީޓިން އޮން ސްޓްރެންތެނިންގް ސާކް އެންޑް އިޓްސް އިންސްޓްޓިއުޝަނަލް މެކޭނިޒަމް[ ފެށުމުގެ ގޮތުން މިއަދު ޓްރޭޑާސް ހޮޓަލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި 25 އަހަރު ވެސް ސާކް އޮތް ކަމަށާއި އެ ޖަމާއަތް ވުޖޫދަށް އައީ ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ ވަރަށް މަތީ އުންމީދުތަކަކާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ އެމީހުންގެ އެ އުންމީދު މިއަދު ވެސް އެބަ އޮތް ކަމަށާއި އެ އުންމީދަކީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ. ނަމަވެސް އެކަން ހާސިލްކުރުމުގައި ކާމިޔާބުވަމުންދާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސާކް އުފެދުނީ ]ސަރަހައްދުގެ ގައުމުތަކުގެ[ ރައްޔިތުންގެ ވަރަށް މަތީ އުންމީދުތަކަކާ އެކު. އެމީހުންގެ އެ އުންމީދު މިއަދު ވެސް އެބަ އޮތް. އެމީހުންގެ އުންމީދަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން. އެހެން ނަމަވެސް އެކަން ހާސިލު ކުރުމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ވަމުންދާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އެކަން ބަދަލުކުރުމުގެ ގާބިލްކަން ސާކްގެ ގައުމުތަކުގައި އެބަހުރި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެކަމަކީ ]ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ[ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް. ސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދު އަންނަނީ ކުރިއަރަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާގެ އިގުތިސާދު އަންނަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން ކަމަށާއި ލަންކާ އާއި ރާއްޖޭގެ އިގުތިސާދު ވެސް އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
ނަވާރަސަތޭކަ އަށްޑިހަ ފަސް ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ސާކްގެ މިދައުރުގެ ސެކްރެޓަރީ ޖެނެރަލް އަކީ ކުރިން ރާއްޖޭގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ އަލްއުސްތާޒާ ދިޔާނާ ސައީދެވެ. ސާކް ގައުމުތަކުގެ އެންމެ އިސްވެރިންގެ 17 ވަނަ ސަމިޓް މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ އައްޑޫ ސިޓީގަ އެވެ.