06 Feb 2019, 10:47
ވޮޝިންޓަން (ފެބްރުއަރީ 6): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބާއްވާ ދެވަނަ ބައްދަލުވުން މިމަހު ވިއެޓްނާމްގައި އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ ރިޔާސީ ބަޔާން ދެއްވަމުން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން ހިފަހައްޓާފައިވާ އެމެރިކާ މީހުން މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާފަ އެވެ. އަދި އެގައުމުން ވަނީ ނިއުކްލިއާ ޓެސްޓުތައް ހުއްޓާލައި، މިސައިލް ލޯންޗު ކުރުން މީގެ 15 މަސް ކުރިން ހުއްޓާލާފަ އެވެ.
"އަޅުގަނޑު އެމެރިކާގެ ރައީސްކަމަށް އިންތިހާބު ނުވާ ނަމަ، މިހާރު އެމެރިކާ އޮންނާނީ އުތުރު ކޮރެއާއާ ހަނގުރާމަ ކުރަން. (ކޮރެއާއަށް ސުލްހަ ގެނައުމަށް) ކުރަންވީ ގިނަ ކަންތައްތަކެއް އެބަ ހުރި. އަޅުގަނޑާއި ކިމް ޖޮންގް އުންގެ އޮތީ ރަނގަޅު ގުޅުމެއް. އަޅުގަނޑުމެން މިމަހުގެ 27 އާއި 28ގައި ވިއެޓްނާމްގައި ބައްދަލު ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕާއި ކިމް ޖޮންގް އުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ. އެބައްދަލުވުމުގައި ލީޑަރު ކިމް ވަނީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ އެބައްދަލުވުމަށް ފަހު އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކަލެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް އިއްޔެ ރިޔާސީ ބަޔާން ދެއްވާފައި ވަނީ އެމެރިކާގެ ބަޖެޓު ފާސްނުވުމުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އައިސް، ރިޔާސީ ބަޔާން ލަސް ކުރަން ޖެހުނު ފަހުންނެވެ. އެބަޖެޓު ފާސް ނުވީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރާނަން ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނަން އިދިކޮޅު މެމްބަރުން ދެކޮޅު ހެއްދެވުމުންނެވެ.
އަދި ސަރުކާރު ބަންދުކޮށްފައި އޮންނަތާ 35 ދުވަސް ފަހުން، ޓްރަމްޕް ވަނީ އަމާން ދެއްވައި، މިމަހުގެ 15އާ ހަމައަށް ސަރުކާރު ހުޅުވަން ކޮންގްރެސް އިން ފާސްކުރި ބިލް ތަސްދީގު ކުރައްވާފަ އެވެ.