06 Feb 2019, 10:44
ވޮޝިންޓަން (ފެބްރުއަރީ 6) : އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ނިންމާފައިވީނަމަވެސް ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށް ނުލެވޭކަމަށް މެދުއިރުމަތީގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތައް ސްޕަވައިޒް ކުރާ އިސް ކޮމާންޑަރު ޖެނެރަލް ޖޯޒެފް ވޮޓެލް ވިދާޅުވެއްޖެއެވެ.
ވޮޓެލް ވިދާޅުވީ ސޫރިޔާގެ އުތުރުގައި ބައިތިއްބާފައިވާ އެމެރިކާ ސިފައިން ބޭލުމަށް މިދިޔަ ޑިސެމްބަރުމަހު ޓްރަމްޕް ނިންމެވީ އޭނާ އާ މަޝްވަރާ ކުރައްވާފައި ނޫންކަމަށާ އެހެންކަމުން ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށްލެވިފައިވާ ނުވާކަން ޓްރަމްޕަށް ދެންނެވިފައި ނުވާނެ ކަމުގައެވެ.
އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމަށް ޓްރަމްޕް ނިންމެވީ ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށްލެވިފައިވާތީ އިތުރަށް އެމީހުން ބޭތިއްބުމުގެ ބޭނުންނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމާ ހިތްހަމަ ނުޖެހިގެން އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވަނީ މަގާމުން އިސް ތިއުފާ ދެއްވާފައެވެ.
ޓްރަމްޕް މިގޮތަށް ނިންމެވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ފިއްތުންތަކާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން އެމެރިކާގެ ސެނެޓުންވެސްވަނީ ސޫރިޔާއާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާ ދެކޮޅުހަދާކަން ހާމަކުރާ ގަރާރެއް ފާސްކޮށްފައެވެ. ޓްރަމްޕް ނިންމަވާފައިވާ އެ ނިންމުންތަކާ ދެކޮޅަށް ސެނެޓްގެ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ގަރާރެއް ފާސްކުރުމަކީ އެދެގައުމުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ރިޕަބްލިކަން ޕާޓީ ދެކޮޅުހަދާކަން ހާމަވެގެންދިޔަ ކަމެއްކަމަށް ވަނީ ބެލެވިފައެވެ.
ސެނެޓްގެ ގަރާރަކީ އެއާއެއްގޮތަށް އަމަލުކުރުން އެމެރިކާ ސަރުކާރަށް ލާޒިމްކުރާ ގަރާރެއްނޫނެވެ. ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ބައިތިއްބާފައިވާ އެމެރިކާ ސިފައިން އަނބުރައި ގައުމަށް ގެނައުމާއި ހަނގުރާމައާއި ތަޅާފޮޅުމަށް އެމެރިކާ ކުރަމުން ގެންދާ ޚަރަދުތަކުގެ ބަދަލުގައި އެމެރިކާގެ ކުރިއެރުމަށާއި ތަރައްގީއަށް އިސްކަން ދިނުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ހަނގުރާމަތަކާ ދުރަށް އެމެރިކާ ދިޔުމަކީ އެމެރިކާގެ މުއްސަނދިން ފަހަތުގައި ތިބެގެން ހިންގާ ކުންފުނިތަކަށް ހަތިޔާރު ވިއްކައިގެން ލިބޭ އާމްދަނީ ދަށަށްދާ ކަމަކަށްވާތީ އެކުންފުނިތަކުން މިކަމާ ދެކޮޅެވެ.
ސެނެޓްގައި ގިނައީ އެފަދަ ކުންފުނިތަކުން އެމީހުންގެ ކޭމްޕޭނަށް ޚަރަދު ކޮށްގެން އިންތިޚާބުވެފައި ތިބޭ މެންބަރުންނެވެ. އަފްޣާން ހަނގުރާމައަށް އަހަރެއްގެ މައްޗަށް އެމެރިކާގެ ބަޖެޓުން ފަންސާސް ބިލިޔަން ޑޮލަރު ޚަރަދުވާ ކަމަށާ އެއީ ނަތީޖާ ނުނެރެވޭ ބޭކާރު ޚަރަދުތަކެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ގެ ސަރުކާރުންވަނީ ކުރިޔަށް އޮތް 18 މަސްތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބަލާނެ ކަމުގެ އިޝާރާތްތަކެއް ދީފައެވެ. އަދި ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމުގެ ކަންތައް ޕެންޓަގަން އިން މިހާރުވަނީ ފަށާފައެވެ. (ނޫސްއެޖެންސީ)