06 Feb 2019, 10:53
ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށް ގިނަ ބަޔަކު ގަބޫލުރާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުމެއް މިރޭ ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގައި އޮތް އިރު ބާސެލޯނާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ވެލެންސިއާ އާއި ބާސެލޯނާ ކުޅުނު މެޗުގައި މެސީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ތެރޭގައި ދެފަހަރެއްގެ މަތިން އޭނާއަށް ވަނީ ފަރުވާ ދީފައެވެ. އަދި މެސީގެ ފިޓްނަސްއާއި ދޭތެރޭ ގިނަ ބައެއް ސުވާލު އުފައްދާފައިވާ އިރު މިރޭ ކުޅޭ ' އެލް ކުލެސިކޯ 'ގައި މެސީ އެއްވެސް ވަރަކަށް އަނިޔާގެ އަސަރު ހުރި ކަމަށް ފާހަގަ ކުރެވޭ ނަމަ ކުޅެން ނާރުވާނެ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ / ޖޭމީ ސްމިތް
ނަމަވެސް މެޗު ކުޅުމަށް ޓީމުގެ 19 ކުޅުންތެރިން ނެގި އިރު މެސީގެ ނަން ކޯޗު ވަނީ ހިމަނާފައެވެ. އަދި މެޗަށް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުން ތަކުގައި މެސީ ވަނީ ބައިވެރި ވެފައެވެ.
މީގެ އިތުރުން ބާސެލޯނާގެ މުހިއްމު ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބުމާ އެކު ޓީމުގެ ކޯޗު މިރޭގެ މެޗަށް ޒުވާން ކުޅުންތެރިން ތަކެއް ވަނީ ބާސެލޯނާގެ ބީ ޓީމުން ހިމަނާފައެވެ. މި މެޗަކީ އެހެން މެޗުތަކާއި ޙިލާފަށް އެންމެ ވާދަވެރި ޓީމާއި ދެކޮޅަށް ކުޅޭ މެޗުކަމަށް ވުމުން މެޗުން މޮޅުވުމައްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ބާސެލޯނާގެ ކޯޗު ވަނީ ބުނެފައެވެ.
މީގެ އިތުރުން މެސީ އަކީ ވެސް ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްފަދަ ކުޅުންތެރިއެއް ކަމަށާއި އޭނާގެ އަނިޔާ ރަނގަޅު ނުވެ ހުއްޓައި ކުޅެން ނޭރުވޭނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
"މެސީ ވިޔަސް އަދި ޓީމުގެ އެހެން ކުޅުންތެރިއަކު ވިޔަސް އަނިޔާގައި ހުއްޓައި ކުޅެން ނޭރުވޭނެ. އެއީ އަނިޔާގަ ހުރެ ކުޅުގެން ޖެހޭނީ ބިރެއްގައި ހުރެ ކަމަށް ވާތީ. ކުރިއަށް އަދި މުހިއްމު މެޗުތަކެއް އެބަހުރި. އެ މެޗުތަކައް ވެސް ވިސްނަން ޖެހޭނެ." ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުންޏެވެ.
އެންމެ ފަހުން ބާސެލޯނާގެ ދަނޑުގައި 1-5 އިން ރެއާލް ބަލި ކުރި މެޗުގައި ވެސް މެސީ ކުޅެފައެއް ނުވެއެވެ. އެ މެޗު ކުޅުން އިރު މެސީގެ އަތުގެ ކަށިގަނޑުގައި ރެނދު ލުމުގެ ސަބަބުން މެސީ އިނީ ދަނޑުން ބޭރުގައި އޭނާގެ ދަރިފުޅާ އެކު މެޗު ބަލާށެވެ.