ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ދައުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާތީ އެފައިސާ ނުދެވޭނެކަމަށް ދައުލަތުން ބުނެފިއެވެ.

ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ ނުދެނީސް މަޖިލީހުގެ މެމްބަރުންނަށް ދޭން ނިންމަވާފައިވާ ކޮމެޓީ އެލަވަންސް ދޫނުކުރެވޭ ގޮތަށް ސިވިލްކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ފެށި ޝަރީއަތުގައި ދައުލަތުގެ ވަކީލު އަހުމަދު ހުޝާމް ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ އަކީ ބަޖެޓުގައި ހިމެނިފައިވާ ފައިސާއެއް ނޫންކަމަށާއި، އެ ފައިސާ މަޖިލީހުން ފާސްކުރަންޖެހޭނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން ކަމަށެވެ.

ދައުވާކުރާ ސ. މަރަދޫ ޕެންޒީމާގޭ މާހު ޖަބީންގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރައި އިން އުނިކުރި ފައިސާ ދިނުމަށް ސިވިލްކޯޓުންނާއި، ހައިކޯޓުން ހުކުމް ކޮށްފައިވާތީ އެ ފައިސާގެ ސަޕްލިމެންޓްރީ ބަޖެޓް ފިނޭންސް މިސްޓްރީން މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.

ނަމަވެސް ހުޝާމު ވިދާޅުވީ ސިވިލްސާވަންޓުންގެ މުސާރައިގެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފްކުރުމަށް ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ސްޕްރީމް ކޯޓުން އެ މައްސަލައިގެ ވަކިގޮތެއް ނިންމުމުގެކުރިން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފްކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ސްޕްރީމްކޯޓުން ބަލައިގަތްކަމުގެ ލިޔުން ކޯޓަށް ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ މިމައްސަލަ ދިރާސާކުރަމުންދާއިރު އިތުރު އަޑުއެހުމެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނެކަމަށެވެ. އެހެންނޫނީ ދެން އޮންނާނީ ހުކުމް ކުރެއްވުންކަމަށެވެ.