06 Feb 2019, 08:46
ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ނުތް ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރީމޭކްގެ ޝޫޓިން ފަށައިފިއެވެ.
ޓީ ސީރީޒާއި ބީއާރް ސްޓޫޑިއޯ ގުޅިގެން ތައްޔާރުކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައިވާ ކަން ޕްރޮޑިއުސަރު ބުޝަން ކުމާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ބުޝަންކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފިލްމުގެ މަންޒަރެއް މިހާރު ނަގާފައިވާ ކަމަށެވެ.
މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ އެ ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕެޑްނޭކަރް އެވެ.
ފިލްމުގައި ދައްކުވައިދޭނީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެވެ.
ފިލްމުގެ ޝޫޓިން ރަސްމީކޮށް އިއުލާންކޮށް ފެށި ނަމަވެސް ފިލްމު އަޅުވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
މީގެ 40 އަހަރުކުރިން ނުކުތް އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރުވެސް އެ ފިލްމުން ފެނިގެންދިޔައެވެ.
އޭރު މި ފިލްމަށް ވަނީ ފިލްމުފެއާ އެވޯޑްސްއިން އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް ލިބިފައެވެ.