05 Feb 2019, 23:50
އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮތުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ގެންގުޅޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި އެއްޗެކެވެ.
މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކާނަލް ނާޒިމް ވިދާޅުވީ ސިޔާސީ ބޭނުމަށް ޓަކައި ވަރަށް ގިނަ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމަށެވެ.
"ހަގީގަތުގައި އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި އޮތުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް އަޅުގަނޑު ހަމަ ވަރަށް ހަރު އަޑުން ދަންނަވާނަން،" ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ތެރެއިން ހެލިކޮޕްޓަރެއް ---
ނާޒިމް ވިދާޅުވީ އޭނާއަށް ލިބިފައި ހުރި އަސްކަރީ ތަމްރީނާއި ތަޖުރިބާއަށް ބަލާ އިރު އިންޑިއާގެ ހެލިކޮޕްޓަރުތަކެއް ރާއްޖޭގައި އޮތުމާއި އެ ހެލިކޮޕްޓަރުތައް ބަލަހައްޓަން ބަޔަކު ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށް ބުނެވޭނެ ކަމަށެވެ.
ހެލިކޮޕްޓަރު ބަލަހައްޓަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ގިނަ ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ ހެލިކޮޕްޓަރު މެއިންޓެއިން ކުރުމާއި ދުއްވާ މީހުން ތިބޭނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާގެ 60 ވަރަަކަށް ސިފައިން ތިބެ އެވެ. ދެ ހެލިކޮޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ދިނީ ދެ އަހަރުގެ ތެރޭގައި އެ ދޭތި އޮޕަރޭޓް ކުރުމަށް ދިވެހިންނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އަދި މިހާތަނާ ޖެހެންދެން ވެސް އެ ދެ އުޅަނދު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.
ދެ ހެލިކޮޕްޓަރު ގެންދިއުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިންޑިއާ ސަރުކާރަށް އެންގި ނަމަވެސް ދެ ހެލިކޮޕްޓަރު ވެސް ގެންގޮސްފައެއް ނުވެ އެވެ.