ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނަށް، ވިހެއުމާ ގުޅިގެން ދޭ ގުޅިގެން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށް ފިރިހެނުންނަށް މުސާރައާ އެކު އެއް މަސް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމައިފި އެވެ.

ވިހެއުމުން މިހާރު ދެނީ އަންހެނުންނަށް ތިން މަސް ދުވަހުގެ ޗުއްޓީ އެކެވެ. އެ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އަދި ފިރިހެނުންނަށް މަސް ދުވަހުގެ ޗުއްޓީދޭންވެސް ވައުދުވެ ވަޑައިގެންނެވި އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފައިވާ ކަމަށެވެ.

" ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަސް އަދި ބައްޕައަށް އެއްމަސް މުސާރައާއެކު ޗުއްޓީ ދިނުމަށް ނިންމައިފިން." އިބްރާހިމް ރަޝީދު އަބޫބަކުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ވިހެއުމުން ދޭ ޗުއްޓީއަށް ބަދަލު ގެންނަން އަދި އެހެން ކުންފުންޏަކުން އަދި ސިވިލް ސާވިސްއަކުންވެސް ނުނިންމަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަށް 60 ދުވަހުގެ ޗުއްޓީއެއް ދޭން ޖެހޭނެ ކަމަށެވެ. ހުރިހާ މުއައްސަސާއަކުން އަމަލުކުރަނީ މި ގާނޫނުގައި ބުނެފައިވާ ގޮތަށެވެ.

އަދި ވިހެއުމުން އަންހެން މީހާއަށް ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށް ފިރިހެން މީހާއަށް މަސް ދުވަހުގެ ޗުއްޓީއެއް ދޭން ހުރިހާ މުއައްސަސާއަކަށް އަދި އޮފީސްތަކަށް މަޖުބޫރު ކުރުވުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލުގެންނަން ޖެހެ އެވެ.

ނަމަވެސް އަދި އެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެއް ނުވެ އެވެ.