ސްރިލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައި ރައީސ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މާލެ ވަޑައިގެންފި އެވެ.

ސްރިލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހު އެގައުމަށް ވަޑައިގަތީ އާދިއްތަ ދުވަހު އެވެ. އެ ދަތުރުފުޅަކީ ސްރިލަންކާގެ ރައީސް މައިތިރުޕާލާ ސިރިސޭނާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ސޯލިހު ވަނީ ސްރިލަންކާގެ މިނިވަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި ރާއްޖެ އާއި ސްރީލަންކާއާ ދެގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވަވައިފަ އެވެ. އެމަޝްވަރާތަކުގައި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ދެ ގައުމުގެ ރައީސުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އޭގެއިތުރުން ރައީސް ސޯލިހު ވަނީ ސްރީލަންކާގެ ރައީސް އެމަނިކުފާނުގެ ޝަރަފުގައި މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.