06 Feb 2019, 08:42
ރިޔާޟް (ފެބްރުއަރީ 5) ސައޫދީ އަރަބިޔާގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި މިއަހަރު ތެރޭގައި 31.46 ބިލިޔަން ޑޮލަރުގެ ލޯނެއް ނަގާނެ ކަމަށް އެގައުމުން ބުނެފިއެވެ.
ސައޫދީ މާލީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ވިޔަފާރިއާބެހޭ ނޫހެއްކަމަށްވާ "އަލްމާލް" ބުނާގޮތުން މިއަހަރުގެ ސައޫދީ ބަޖެޓަކީ 295 ބިލިޔަން ޑޮލަރު ކަމަށްވާއިރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ 260 ބިލިޔަން ޑޮލަރެވެ. އެހެންކަމުން ބަޖެޓް ޑެފިސިޓަށްވާ 35 ބިލިޔަން ޑޮލަރު ހޯދުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 31.46 ބިލިޔަން ޑޮލަރުގެ ލޯނެއް ނެގުމަށްވަނީ ނިންމާފައެވެ. މި ލޯން ނަގަނީ ކޮންތާކުންކަން އެ ނޫހުގައި ހާމަކޮށްފައެއް ނުވެއެވެ.
2016 ވަނައަހަރުން ފެށިގެން ސައޫދީ ބަޖެޓް އެކުލަވާލަނީ އެގައުމުގެ އިގްތިސާދުގެ 80 އިންސައްތަ ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށާއި ޒަމާނީ އިގްތިސާދެއް ބިނާކުރުމަށް އިއްލާންކޮށްފައިވާ "ވިޝަން 2030" ގެ ލަނޑުދަނޑިތައް ހާސިލް ކުރުން ހިމަނައިގެންނެވެ. އެހެންކަމުން 2016 ވަނައަހަރުން ފެށިގެން އެގައުމުގެ ބަޖެޓް އާދަޔާ ޚިލާފަށް ބޮޑުކުރަމުން ގެންދާއިރު ތެލުގެ އަގު ދަށަށްދިޔުމާއެކު ލިބޭއާމްދަނީ ދަށަށްދާތީ ބަޖެޓް ޑެފިސިޓް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
2016 ވަނައަހަރު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އިއްލާން ކުރައްވާފައިވާ "ވިޝަން 2030" ގެލަނޑުދަނޑިތައް ހާސިލް ކުރުމަށާއި އެއާއެކު ސައޫދީ އިގްތިސާދު އިސްލާހް ކުރުމަށް ޕްލޭންކޮށްފައިވާ މަޝްރޫއުތައް ހިންގުމަށް މިދިޔަ މަހުގެ ފަހުކޮޅު ސައޫދީ ސަރުކާރުންވަނީ 453 ބިލިޔަން ޑޮލަރުގެ ކޮންޓްރަކްޓް ތަކެއްގައި ސޮއިކޮށްފައެވެ. އެމަޝްރޫއުތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ ބިނާކޮށް ޒަމާނީކޮށް އަދި ވަރުގަދަ ކުރުމަށާއި މައުދަންނެގުމާއި، ސިނާއަތު ތަރައްގީ ކުރުމުގެ އިތުރުން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މައްޗަށެވެ.
މިއީ، "ވިޝަން 2030" ގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މިހާތަނަށް ސައޫދީ ސަރުކާރުން އިއްލާންކުރި އެންމެ ބިޔަ މަޝްރޫއުތަކެވެ. މީގެ ގިނަ މަޝްރޫއުތަކުގެ މުއްދަތަކީ ތިންއަހަރާއި އަށް އަހަރާ ދެމެދެވެ. 453 ބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއުތަކާބެހޭ 37 ކޮންޓްރަކްޓެއްގައި ސައޫދީ މަސްއޫލުވެރިންވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއެކު މިދިޔަ މަހުގެ ފަހުކޮޅު ސޮއިކުރައްވާފައެވެ.
މީގެތެރޭގައި އެމެރިކާ، ޗައިނާ، ކޮރެޔާ، ޖަޕާން، ރަޝިޔާ އަދި ޔޫރަޕް ގެ ކުންފުނިތައް ހިމެނެއެވެ. މި ޕްލޭންގައި ހިމެނޭ މަޝްރޫއުތަކުގެ ތެރޭގައި ހައިވޭތަކާއި ޒަމާނީ ރޭލްވޭތަކާއި ވައިގެ ބަނދަރުތަކާއި ކާރުޚާނާތަކާއި ގެދޮރު ބިނާކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ސައޫދީ އިގްތިސާދުގެ 80 އިންސައްތަ ތެލުގެ މައްޗަށް ބަރޯސާވެފައި އޮތުން "ވިޝަން 2030" ގެ މަޝްރޫއުތައް ތަންފީޒުކޮށް ނިމޭއިރު ނިމުމަކަށް އަންނާނެ ކަމަށް އެގައުމުން ބުނެއެވެ. މިއާއެކު ސައޫދީ އިގްތިސާދުގައި ތެލުގެ ސިނާއަތު ހިއްސާކުރާ މިންވަރުވެސް 40 އިންސައްތައަށް ދަށްކޮށް ސިނާއަތާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ބިމުންނަގާ މައުދަންތަކުގެ ހިއްސާ ސައޫދީ އިގްތިސާދުގައި އެތައް ގުނައެއް އިތުރުކުރުމަކީ ގެ މައި"ވިޝަން 2030" ގެ މައި ލަނޑުދަނޑިއެކެވެ.
މި ތަސައްވުރުގެ ދަށުން މިދިޔަ މަހުގެ ފަހުކޮޅު ސޮއިކުރި 453 ބިލިޔަން ޑޮލަރުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ކުރިޔަށް އޮތް ހަތްއަހަރުގެ ބަޖެޓްގައި ހިމަނަމުންގެންދާނެ ކަމަށް ސައޫދީ މާލީވުޒާރާއިން ބުނެއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ތެޔޮނޫން އެހެން ސިނާއަތްތައް ތަރައްގީ ކުރުމަށާއި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށް 350 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަދަނީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް 54 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު ތަފާތު 29 މަޝްރޫއަކަށް 49 ބިލިޔަން ޑޮލަރު ޚަރަދުކުރުންވެސް ހިމެނެއެވެ.
ސައޫދީ މީޑިޔާއިންވަނީ މިއީ މިހާތަނަށް އެއްފަހަރާ އެގައުމުގައި ހިންގާ ތަރައްގީގެ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ސިފަކޮށްފައެވެ. ކުރިޔަށްއޮތް އަށް އަހަރު ތެރޭގައި ތަންފީޒު ކުރުމަށް ރާވާފައިވާ މިމަޝްރޫއުތައް ތަންފީޒު ކުރެއްވިއްޖެނަމަ ސައޫދީ އިގްތިސާދުގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެއެވެ. އަދި ސައޫދީ އަކީ ޔޫއޭއީ އާއި ސިންގަޕޫރުފަދަ ސިނާއަތާއި ވިޔަފާރީގެ ބޮޑު މަރުކަޒަކަށް ބަދަލުވެގެންދާނެކަމުގެ ހުވަފެން ސައޫދީ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.
މި މަޝްރޫއުތަކާއެކު ސައޫދީ ވަޒީފާގެ ބާޒާރަށް 1.6 މިލިއަން ވަޒީފާ އިތުރުވެ ތެޔޮ ނޫން އުފެއްދުންތަކުން ގައުމަށް ލިބޭ އާމްދަނީ އަހަރެއްގެ މައްޗަށް 260 ބިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށްވެސް އެގައުމުން ލަފާކުރެއެވެ. (ސައޫދީ މީޑީޔާ + ނޫސްއެޖެންސީތައް)