ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ބާއްވާ ތާރީހަށް ބަދަލު އަތުވެއްޖެ އެވެ.

އެ އެކްސްޕޯ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާއި ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ އެވެ. އެ ފެއާ ކުރިން ބާއްވަން ނިންމާފައި އޮތީ މިމަހުގެ 14، 15 އަދި 16 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް އެ ދުވަސްތަކަށް ދަރުބާރުގެ ލިބެން ނެތުމުން މިހާރު އެކްޕޯ ބާއްވަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން މާޗު ދަވަނަ ދުވަހާ ހަމައަށް ކަމަށް އަސަރީ ސާވިސަސްއިން ބުނެ އެވެ.

އެކްސްޕޯގައި އެގްޒިބިޓަރުންނަށް ވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އަސަރީ ސާވިސަސްއިން ބުނާ ގޮތުން އެގްޒިބިޓަރުންގެ ޖާގަތަށް މިހާރު ހުރީ ފުލްވެފަ އެވެ. އެ އެކްސްޕޯގައި ރާއްޖޭން ބޭރުގެ 80 ވަރަކަށް އެގްޒިބިޓަރުން ވައިވެރިވާނެ ކަމަށް އަސަރީ ސާވިސަސްއިން ބުނެ އެވެ.

އަދި މިހާރު ފެއާ ސްޕޮންސަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މި އަހަރުގެ ފެއާގައި ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ކެރިއަރ ގައިޑެންސް ދިނުން އޮންނާނެ ކަމަށް އަސަރީ ސާވިސަސްއިން ބުނެ އެވެ. އަދި ޖުމްލަ 500 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ ގޮތުން ސެމިނާތަކެއް ކުރިއަށްދާއިރު އިމާރާތް ކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި މީޑިއާގައި ހުރި ފުރުސަތު ތަކުގެ މައުލޫމާތު ވެސް މި ފެއާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.