05 Feb 2019, 17:55
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮބްސަވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ އެފުރުސަތު ހުޅުވާލައިފި އެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ ހައެއް އެޕްރީލްގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް އަދި މޮނިޓަކުރުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
މޮނިޓަރުންނަށްވުމަށް ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށެވެ. އަދިއޮބްސާވަރުންނަށްހުށަހެޅޭނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށެވެ.
މޮނިޓަރުންނަށް އަދި އޮބްޒަވަރުންނަށް އެދި ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާނަމަ އޮބްޒަވަރަކަށް އަދި މޮނިޓަރަކަށް ނުވެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޓަނޭޝަނަލް އޮބްސާވާސްއަށްވެސް ފުރުސަތު ހުޅުވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެމުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.