05 Feb 2019, 17:21
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުގައި ތިއްބެވި ބޭފުޅުން ޕީޕީއެމުން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން ނިންމީ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ކަމަށް އެ ޕާޓީގެ ކޮންގްރެސްގައި ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކޮށްފަ އެވެ.
މައުމޫނުގެ ދަރިކަނބަލުން އަދި މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ޕީޕީއެމުން ވަކިވާން މިއަދު އިލެކްޝަންސް ކޮމިޝަނަށް ސިޓީ ހުށަހަޅުއްވާފަ އެވެ. ސަބަބެއް ކަމަށް ޔުމްނާ ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް ހިންގަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ވަތީ އެވެ.
މައުމޫނުގެ ދަރިކަލުން އަދި ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް ވިދާޅުވެފައިވަނީ އޭނާ ޕީޕީއެމުން ވަކިވާން ސިޓީ ހުށަހަޅުއްވާނެ ކަމަށެވެ.
އޭގެ އިތުރުން މި ސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ރައީސް މައުމޫނުގެ އަރިސް ބޭފުޅުން ކަމަށްވާ ހައުސިންގް މިނިސްޓަރު އާތިފާ ޝަކޫރާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުވެސް ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހަޅުއްވަން ވަނީ ނިންމާފަ އެވެ.
ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ފެށި މައުމޫނު ޕާޓީން ވަކިކޮށް ޕާޓީގެ ހިންގުމާ ޔާމީން ހަވާލުވީ ކޯޓުން ކުރި ހުކުމަކާ އެކު އެވެ. އޭރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޔާމީންގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގާނެ ފަރާތެއް އައްޔަން ކުރުމަށެވެ.
އޭގެ ފަހުން މައުމޫނު މަސައްކަތް ކުރައްވަމުން އައީ ޝަރުއީ މަރުހަލާ މެދުވެރިކޮށް ޕީޕީއެމް ލިބޭނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް އެކަމުގެ އުންމީދު ގެއްލި މިހާރު މައުމޫނު ނިންމަވާފައިވަނީ މޯލްޑިވްސް ރިފޯމް މުވްމަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށެވެ.