ޖީއެސްޓީ ނެގޭނެ މުދާ އާންމުކޮށް ފެންނާނެހެން ނުބަހައްޓާ ފިހާރަތައް 500ރ. އާއި 10000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނަނީ ޖީއެސްޓީ ނަގަން މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓާއި ޖީއެސްޓީ ނެގޭނެ މުދަލާއި ނުނެގޭނެ މުދާ ފެންނަ ގޮތަށް ނުބަހައްޓާ ފިހާރަތަކާ ދެމެދު ފިޔަވަޅުއަޅާނެ ކަމަށެވެ. އެގޮތުން މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރު 500ރ. އާއި 10000ރ. އިން އަދި ކުށް ތަކުރާރުވާ ނަމަ 5000ރ. އާއި 10000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
"ވިޔަފާރިއަކުން ވިއްކާ މުދަލުން ނުވަތަ ޚިދުމަތަކުން ޖީއެސްޓީ ނަގާކަމަށް ވާ ނަމަ މީރާގައި ރަޖިސްޓްރީކޮށް ދޫކޮށްފައިވާ ޖީއެސްޓީ ސެޓްފިކެޓް އާއްމުކޮށް ފެންނަން ހުންނަން ވާނެ އެވެ. އަދި މީރާގައި ރަޖިސްޓްރީ ނުކުރާ ތަނަކުން ޖީއެސްޓީ ނެގުމަކީ މަނާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މުދަލުގައި ފެންނާނެހެން އަގު ޖެހުމަށް ވެސް ވިޔަފާރިތަކައް އަންގާފަ އެވެ. އެ މިނިސްޓްރީން ބުނީ ވިޔަފާރިތަކުގައި އެ ޝަރުތުތައް ފުރިހަމައަށް ހުރިތޯ ބެލުމަށް ވިޔަފާރިތައް އިންސްޕެކްޓް ކުރާނެ ކަމަށެވެ.

މާލޭގެ ގިނަ ފިހާރަތަކަކުން ޖީއެސްޓީ ނެގިނަމަވެސް ޖީއެސްޓީ ނެގޭނެ މުދަލާއި ނުނެގޭނެ މުދާ ފެންނަ ހުންނަނީ ވަރަށް މަދު ގިހާރަތަކެއްގަ އެވެ. ނަމަވެސް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އާންމުކޮށް ފެންނަގޮތަށް ގިނަ ފިހާރަތަކަކުން ބަހައްޓާފައި ހުރެ އެވެ.