05 Feb 2019, 18:22
ކަލާފާނު ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރަކަށް ޓީޗަރެއްގެ އިހުމާލުން އުމުރާ ނުގުޅޭ މަންޒަރުތަކެއް ފެނުނު މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގައިދިޔަ އެ ހާދިސާގައި ސްކޫލު ކުދިންނަށް ދީފައިވާ ޓެބްލެޓު މެދުވެރިކޮށް ފިލާވަޅެއް ހަދަން އުޅުމުގެ ތެރޭގައ،ި ޓީޗަރު ބުނި ލިންކަކަށް ފިތުމުން، އުމުރާ ނުގުޅޭ މަންޒަރު ފެނުނީ އުމުރުުން 12 އަހަރުގެ އަންހެން ކުއްޖަކަށެވެ.
އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވަނީ ޓީޗަރާ ދެކޮޅަށް ރޭ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުން ބަލަމުންދާ ކަމަށެވެ.
އެ ކުއްޖާގެ ބައްޕަ "ސަން"އާ ވާހަކަ ދައްކަމުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ކްލާހުގައި އިނގިރޭސި ފިލާވަޅަކަށް ބޭނުންވާ، މޯބައިލް ފޯނުތަކުގެ ފައިދާ އާއި ގެއްލުމާ ގުޅޭ މައުލޫމާތު އިންޓަނެޓުން ހޯދަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ޓީޗަރު ދިން ލިންކަށް ވަން އިރު އޭގައި ޖަހާފައި ހުރި އެޑުތަކުގައި ހުރީ ބަދުއަޚްލާގީ މަންޒަރުތަކެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، އެ ދުވަހު ދަރިފުޅު ގެޔަށް އައިސް ދަރިފުޅުގެ މަންމަ ކައިރީގައި އެ ވާހަކަ ކިޔައިދިން ކަމަށެވެ.
އޭނާ ބުނީ އެ ދުވަހު ދަރިފުޅު ގެޔަށް އައިސް މަންމަ ކައިރީގައި މިވެނި ބަހެއްގެ މާނައަކީ ކޮބައިހޭ އަދި އަންހެނުންނަށް މިވެނި ކަމެއް ވަނީ ކިހިނެއްހޭ އަހައި ސުވާލު ކުރި ކަމަށެވެ.
އެ ކުއްޖާގެ ބައްޕަ ބުނީ އެކަމުގެ ޝަކުވާ ސްކޫލުގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަހްމާނަށް ވެސް ހުށަހެޅި ކަމަށެވެ. އަދި ޓެބްލެޓު ހިފައިގެން ޕްރިންސިޕަލަށް ގެންގޮސް ޕްރިންސިޕަލްގެ ހާޒިރުގައި އެ ލިންކަށް ވަނުމުން ވެސް އެފަދަ މަންޒަރުތައް ހުރި ކަމަށް އޭނާ ބުންޏެވެ.

ޓީޗަރު ދިން ޕޭޖުގައި ޖަހާފައި ހުރި ކުޑަކުދިންނާ ނުގުޅޭ ފޮޓޯއެއް --
"ސަން"އާ ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ރަހްމާ ވިދާޅުވީ، އެފަދަ ޝަކުވާއަކާ އަކައިގެން ބެލެނެވެރިއަކު އައިކަމަށެވެ. ނަމަވެސް އޭނާ ބެލި ބެލުމުން ބަރަހަނާ މަންޒަރުތައް ކަމަށް ބުނެވޭނެ މަންޒަރެއް އެ ވެބްސައިޓުގައި ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން ތި ވިދާޅުވާ ފަދަ އެއްޗެއް ފެނިފައެއް ނެތް،" އެ ޕޭޖުގައި ކުޑަކުދިންނާ ނުގުޅޭ މަންޒަރު ހުރިތޯ ސުވާލު ކުރުމުން ރަހުމާ ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ، ޓެބްލެޓުތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިޓަކަށް އެއްވެސް ދަރިވަރަކަށް ނުވަދެވޭނެ ކަމަށެވެ.