09 Oct 2011, 11:27
އާދަމް ނަސީރު
މިއަދު ދުނިޔޭގެ އެންމެ ބިޔަ ޓެކުނޮލޮޖީ ކުންފުނީގެ ގޮތުގައި އެޕަލް ކުންފުނި މަތިފަޑީގައި ދެމިއޮތަސް މީގެ އަހަރުތަކެއް ކުރިން އެޕަލް ކުންފުނި އޮތީ ހުއްޓިފައެވެ. ދެން ދާންވީ މިސްރާބެއް ނޭނގިފައެވެ. އެޕަލް ކުންފުނި އުފެއްދުމުގައި އިސްވެ ހުރި ޖޮބްސް އޭރު އެޕަލް ދޫކޮށް ވަނީ ގޮސްފައެވެ. މިއަދު މިފެންނަ އެޕަލް ކުންފުނީގެ ހައިބަތު ދުނިޔެއަށް ހާމަކޮށްދިން ސްޓީވް ޖޮބްސް އޭރު ހުރީ "ނެކްސްޓް ކޮމްޕިއުޓަރ" ކިޔާ އަމިއްލަ ކުންފުންޏެއް ހިންގުމުގައި އަވަދިނެތިއެވެ.
އެޕަލް ކުންފުނީގެ ވިޔަފާރި އާ އުފެއްދުންތަކެއް ނުނެރެވުމުން ޖޮބްސް ހިންގަމުން ދިޔަ "ނެކްސްޓް ކޮންޕިއުޓަރ" ގަނެ ދެކުންފުނި އެއްކޮށްލި އެވެ. ޖޮބްސްގެ މަސައްކަތް މެކުހަށްޖެހީ އެ ހިސާބުން ފެށިގެންނެވެ. އެހެނަސް ޖޮބްސްއަކީ ކުންފުނީގެ ވިޔަފާރި މާމޮޅަށް ތަރުތީބު ކުރަން ދަންނަ މީހެއްނޫނެވެ. ޖޮބްސް އަކީ މަތީ ތައުލީމުގެ ވަކި ހިސާބަކުން ކިޔެވުމާއި ދުރަށްދިޔަ މީހެކެވެ. އެހެންކަމުން ޖޮބްސްގެ މޮޅު ވިސްނުން ސިކުނޑިން ބޭރަށް ނެރެ އެ ވިސްނުމާއި އެއްގޮތަށް އުފައްދާ މޮޅެތި އުފެއްދުންތައް ވިއްކާނެ ކުޅަދާނަ ބައިވެރިއެއް ޖޮބްސް ހުރީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ.
އެޕަލްގެ މިހާރުގެ ސީއީއޯ ޓިމް ކުކް އައީ އެހިސާބުންނެވެ. އެކެއް ނޮވެމްބަރ 1960 ގައި ދުނިޔެއަށް އުފަންވެފައިވާ ޓިމް ކުކްގެ ބައްޕަ އަކީ ބޯޓު ޔާޑެއްގައި މަސައްކަތް ކުރާ ވަރަށް އާދައިގެ މީހެކެވެ. ގޭގައި ކުދިކުދި މަސައްކަތް ކޮށްލަ ކޮށްލާ އިންނަ މަންމަ އަކަށް ލިބިފައިވާ ޓިމް އަށް ކުކް ކިއެއް ކަމަކު އޭނާ އަކީ ކެއްކުމަށް މޮޅު މީހެއް ނޫނެވެ. އެހެނަސް އެހެންމީހުން ކައްކާ އެއްޗެހި ފިސާރި އަވަހަށް ފައިސާއަށް ބަދަލު ކޮށްލާ މީހެކެވެ. ވިޔަފާރި ކުރަން ދަންނަ މީހެކެވެ. އަދި ވިޔަފާރި ފިސާރި ރަނގަޅަށް ބަލަހައްޓަދޭ ވެސް މީހެކެވެ. އެހެން ކަމުން ޖޮބްސް އެންމެ ބޭނުންވި ހުރިހާ ކަމެއް ކުކްގެ ފަރާތުން ފެނި ޖޮބްސް އަށް ކުކް ފިސާރި ކަމުދިޔައެވެ.
ކުކް އެޕަލް ކުންފުނީގެ ޗީޕް އޮޕަރޭޓިން އޮފިސަރ ގެ މަޤާމު ހަވާލުވެ އެޕަލްގެ އެކިއެކި ވިޔަފާރި ހިންގާ ޤައުމު ތަކުގެ ވިކުރާ ދުވަހުން ދުވަހަށް ބަލަހައްޓަން ފެށިއެވެ. ފޮނުވައިދޭން ޖެހޭ އެންމެހާ އުފެއްދުންތައް ދުވަހުން ދުވަހަށް އެކިއެކި ޤައުމުތަކުގައި ހުރި އެޕަލްގެ ފިހާރަ ތަކަށް ފޮނުވައިދޭ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ފެށިއެވެ. ހަމަ އެއާއި އެކު އެޕަލްގެ މައި ކޮމްޕިއުޓަރ ކަމަށްވާ މެކިންޓޮސް އުފައްދާ ޑިވިޝަންގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ކުކް ދިޔައީ ފުރަމުންނެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހުރި އެޕަލް ފިހާރަތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުން ދިޔަ އިރު އެޕަލްގެ އުފެއްދުންތައް އިޝްތިހާރު ކުރުމުގައިވެސް އެންމެ އިސްފަރާތަކީ ޓިމް ކުކް އެވެ. ކުންފުނީގެ ދުވެލި ބާރުކޮށް ކުރިން ގެއްލުން ވަމުންދިޔަ އުފެއްދުން ތަކުން ބޮޑު ފައިދާ އެއް ނެރެންފެށި އެވެ.
ކުކް އަކީ ހަމަ އެކަނި ވިޔަފާރި ތަރުތީބު ކޮށް ހިންގާ މީހެއްނޫނެވެ. އޯބާން ޔުނިވަސިޓީން އިންޑަސްޓްރިއަލް އިންޖިނިއަރިން ޑިގްރީ ހަދައިގެން ހުރި އިންޖިނިއަރ އެކެވެ. ޓެކުނޮލޮޖީ ދަންނަ، މަޝްހޫރު އައިބީއެމް ކުންފުނީގައި 12 އަހަރު މަސައްކަތް ކޮށްފައިވާ ކުކްގެ ވިސްނުމާއި ފިކުރު އަދި އުފެއްދުންތެރި ހިޔާލުތައް ޖޮބްސްގެ އުފެއްދުންތެރި ހިޔާލާއި ކައިރިވެ އެކުގައި ހިއްސާކޮށްފައިވެ އެވެ. އެޕަލްގެ ފަހުގެ އުފެއްދުން ތަކުގައި ބޭނުން ކުރާ "ފްލެޝް ސުޓޯރޭޖް" ޖޮބްސްއާ ހަމަ އަށް ގެނެސްދިނީ ވެސް ކުކް އެވެ. އެޕަލްގެ ފަހުގެ އުފެއްދުން ތަކުން ފެނިގެންދާ އޮމާންކަމާއި ހަލުއި ކަމުގެ އަސްލަކީ ފުލެޝް ސުޓޯރޭޖުގެ ކުޅަދާނަ ކަމެވެ.
އެހެން ކަމުން އެޕަލްގެ އައު ސީއީއޯ އެއްގެ ގޮތުން ނެރެންޖެހޭ އެންމެ ފަހުގެ ވިސްނުމާއި ދާންވީ މިސްރާބު ސްޓީވް ޖޮބްސް އަށް ފަހު ކުކް އަށްވުރެ ވަކިން ބޮޑަށް އިނގޭނެ އެހެން ފަރާތެއް ނެތެވެ.
ޖޮބްސްގެ މޮޅު ހިޔާލަށް އުފައްދާ އެތަކެއް އުފެއްދުން ތަކެއް، ޑިއުކް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހެއްދެވި ޓިމް ކުކް ވަނީ ފައިސާ އަށް ބަދަލު ކޮށްފައެވެ. ކުރިން ދެންނެވި އެޕަލް ކުންފުންޏަށް ގެއްލުން ވަމުން ދިޔަ އެތަކެއް އުފެއްދުން ތަކެއް އާންމުން ބަލައިގަންނަ އެއްޗެއްސަށް ޓިމް ކުކް އިސާހިތަކު ހަދާލިއެވެ. މިއަދު މިއުޒިކު އަޑު އިވޭ ކޮންމެ ތަނެއްގައި އައިޕޮޑުގެ ނަން ގަނެވުނަސް ކުރިން އައިޕޮޑު ތަކަކީ އެޕަލް ކުންފުނި ދަރަނިވެރި ކުރުވަމުން ދިޔަ އެއްޗެއްސެވެ.
ޓެކްނޮލޮޖީގެ ދުނިޔޭގައި ޓިމްކުކް ހޯދާފައިވާ ތަޖުރިބާގެ ތެރެއިން ކޮމްޕެކް ކުންފުނީގައި ނައިބު ރައީސެއްގެ ގޮތުން ހޭދަ ކުރި ހައެއްކަ މަސް ދުވަހުގެ ތަޒުރިބާ އާއި އައިބީއެމް ކުންފުނީގައި ހޭދަ ކުރި 12 އަހަރަށް ވުރެ އެތައް ގޮތަކުން މޮޅުކަމަށާއި އެހެންކަމުން އޭގެ ފައިދާ އެޕަލް ކުންފުނި ކޮޅަށްޖެހުމުގައި ބޭނުން ކުރިކަމަށް ޓިމް ކުކް ދަނީ ބުނަމުންޏެވެ. މަދު އަހަރު ތަކެއްގެ ތެރޭގައި އެޕަލް ކުންފުނި ދުނިޔޭގެ އެންމެ މަތީ ފަޑިޔަށް އެރުވުމުގެ ކުރެޑިޓު ސުޓީވް ޖޮބްސް ދޭ އެއްފަރާތަކީ ޓިމް ކުކް އެވެ. ޖޮބްސް މިދުނިޔެއާއި ވަކިވުމުގެ މަސްދުވަސް ކުރިން ޓިމްކުކް އަށް އެޕަލްގެ ސީއީއޯކަން ހަވާލު ކުރީ ދެން އެޕަލް ކުރިއަށް ގެންދާނެ މަގު އެނގޭނެ ހަމަ އެކަނި ފަރާތަކީ ކުކް ކަމަށްވުމެވެ. އެކަން އެންމެ މޮޅަށް އެނގޭނެ މީހަކީ ހަމަ ގައިމުވެސް ސްޓީވް ޖޮބްސް އެވެ.
ގިނަ ބަޔަކު ކުކްގެ ޓެކްނޮލޮޖީ ވިސްނުން ޖޮބްސް އަށްވުރެ ކޮށިވާނެ ކަމަށް ބުނި ނަމަވެސް އެކަމާ އަދި ކަންބޮޑުވާކަށް ނުޖެހެއެވެ. ޖޮބްސް އޭނާގެ އުފެއްދުންތެރި ހިޔާލުތައް ހިފައިގެން މިދުނިޔެ ދޫކޮށް ދިޔަ ނަމަވެސް އެޕަލްގެ މިސްރާބު އަދި ކައްސާލަން ކައިރިވެސް ނުވެއެވެ. ސަބަބަކީ އެޕަލްގެ ގިނަ އުފެއްދުން ތަކަކީ ކެވެލި ޖެހިގެން ގުޅެމުން އަންނަ އުފެއްދުން ތަކަކަށްވެފައި ކުރިއަށް ހުރި ގިނަ އުފެއްދުން ތަކަކީ ސީދާ ޖޮބްސްގެ ވިސްނުމާއި ޓިމް ކުކްގެ ފިކުރު ގުޅިގެން އަންނަން ހުރި އުފެއްދުން ތަކަކަށް ވުމެވެ.
ޓެކްނޮލޮޖީގެ ދުނިޔެ ދިރާސާ ކުރާ ގިނަ ބަޔަކު ދެކޭ ގޮތުގައި ޖޮބްސް ނެތުމުން އަދި އެޕަލްގެ ކުރިމަގު ބަނަވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ. ޓިމް ކުކްގެ ކުރިމަތީގައި ކެވެލި ޖެހިފައިވާ އެތަކެއް އުފެއްދުންތަކެއް ހުރުމުން ހަމަ އެކަނި އެ ތަކެތި ފައްކާކޮށް ކުރިއެރުވިޔަސް އަހަރުތަކެއް ވަންދެން އެޕަލް ކުންފުނި ދިރި އޮންނާނެ އެވެ. އެހެން ނަމަވެސް ޓިމްކުކް އަކީ އެގޮތަށް ދެމިހުންނާނެ މީހެއް ނޫން ކަމަށާއި އެޕަލް ދެންވެސް ނެރޭނީ ތަފާތު އުފެއްދުންތަކެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންޏެވެ.
އެހެނަސް އަބަދުވެސް ޖާދުވީ އުފެއްދުންތަކެއް ނެރޭ އެޕަލް ކުންފުނިން އައިފޯނު 5 ނެރެނީ ކަމަށް އަޑުފެތުރިފައި ވަނިކޮން އައިފޯނު 4އެސް އާންމު ކުރުމާއި ގުޅިގެން އެޕަލް ކުންފުނިން ގެނެސްދޭ ހައިރާން ކަމަށް ވަނީ ކުޑަ ފަނޑު ކަމެއް އައިސް ފައެވެ. ހަމަ އެއާއި އެކު އައިފޯނު 4 އެސް ގަންނަ މީހުންގެ އަދަދު ޖޮބްސް މަރުވުމާއި އެކު މަދުވެފައިވާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. ޖޮބްސް މިދުނިޔެ ދޫކުރުމާއި ގުޅިގެން ޖަރުމަނު ވިލާތުގައި އެޕަލްގެ ހިއްސާގެ އަގުން 2.5 ޕަސެންޓު ދަށްވުމުން ވެސް ގިނަ ބަޔަކަށް ވަނީ އެކަމުގެ އަސަރު ކޮށްފައެވެ.
އެހެނަސް އެއީ ހިނދުކޮޅެއްގެ ކަމެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ސަބަބަކީ ދާދި އަވަހަށް އައިފޯނު 5 ނެރެ އެޕަލްގެ އުފެއްދުންތަކަށް ލޯބި ކުރާ އެތަކެއް މިލިއަން މީހުން ހެއްވާލާނެ ކަމަށް ޓެކުނޮލޮޖީ ދަންނަ ގިނަ ފަރާތްތަކުން ދެކޭތީއެވެ.
ދެން މި އޮތީ ބަލައިގެން ތިބުމުގެ ވަގުތު ޖެހިފަ އެވެ. ޖޮބްސް އާއި އެކު އޭނާގެ އެޕަލް ކުންފުނި މަރުވެގެން ދިޔުމަކީ ޓެކްނޮލޮޖީގެ ދުނިޔެ ދެކެ ލޯބިވާ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ޖޮބްސް މަރުވުމުގެ މަދު ދުވަސްކޮޅެއް ކުރީން އެޕަލްގެ ސީއީއޯކަން ޖޮބްސް އަމިއްލަ އަށް ކުކާ ހަވާލު ކުރުމުން އެއިން އެނގޭ އެކައްޗަކީ ޖޮބްސް ކުކަށް ކުރާ އިތުބާރެވެ. އެ އިތުބާރަކީ އެޕަލް ކުންފުނީގެ އިދާރީ ހިންގުމާއި ޖޮބްސްގެ ޓެކްނޮލޮޖީ ވިސްނުން ދިރުވައި ދެމެހެއްޓުމުގެ އިތުރުން އާ ވިސްނުން ތަކާއި އާ ރަހަތައް އެޕަލްގެ ދުނިޔެއަށް ގެނެސްދޭނެ ކަމުގެ އިތުބާރެވެ.