އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޮފިޝަލުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 18 އަހަރު ފުރިފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ އަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އޮފިޝަލެއްގެ ގޮތުގައި ކުރިމަތިލާ މީހާއަކީ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރި، އެ މަސައްކަތް ކުރުމަށް ސިއްހީ ގޮތުން ގާބިލު މީހަކަށް ވާންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިންތިހާބުގެ އޮފިޝަލުންނަށް އުޖޫރަދޭނީ ވޯޓުލާ ދުވަހު އެކަންޏެވެ. އުޖޫރައިގެ ގޮތުގައި މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ 1500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 500 ދޭނެ ކަމަށް އިކެކްޝަންސް ގެ އިއުލާނުގައިވެ އެވެ.

ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިމަތިލާ ފަރާތްތަކުން، ހާއްސަ ޓްރެއިނިންއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް އިލެކްޝަނުން ބުންޏެވެ. ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހު އެވެ.

ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށްއެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން އޮބްޒާވަރު، މޮނިޓަރު، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށައަޅާ ފާސް ދޫކުރެވިއްޖެ ނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

އޮފިޝަލަކަށް ވުމުގެ ސުންގަނޑި ހަމަވާނީ މިމަހުގެ 14 ގައެވެ.